ބޭރުދުނިޔެ

އިސްރާއީލުން ޣައްޒާގެ މުހިންމު ބޯޑަރު ހުޅުވާލައިފި

އިސްރާއީލުން މިޞްރާ ގުޅޭ ރަފަހް ބޯޑަރު ގާތްގަނޑަކަށް ތިން ހަފުތާއަށްފަހު ބުރާސްފަތި ދުވަހު އަލުން ހުޅުވާލައިފިއެވެ. މިއީ އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ހޯދުމަށް ފުރުޞަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މި ނިންމުން އައިސްފައިވަނީ އިސްރާއީލުގެ ޙަމަލާތަކުގައި ޣައްޒާގެ ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް ޞިއްޙީ އިދާރާތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނި ގޮތުގައި، ބުރާސްފަތި ދުވަހު ބޯޑަރު ހުޅުވާލުމާއެކު މިޞްރަށް ފަރުވާއަށް ދިއުމުގެ ހުއްދަ ލިބުނީ، ދެ އަހަރަށްވުރެ ގިނަ ދުވަސްވީ މި ހަނގުރާމައިގައި ޒަޚަމްވި އަށް މީހަކަށާއި އެމީހުންގެ ޢާއިލާގެ 17 މީހަކަށެވެ. ނަމަވެސް މިޞްރުން އެނބުރި ޣައްޒާއަށް ވަނުމުގެ ހުއްދަ ކިތައް މީހުންނަށް ދޭނެކަން އަދި ސާފެއް ނުވެއެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ބޯޑަރު ހުޅުވާލާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ “ބޯޑް އޮފް ޕީސް” ގެ މަންދޫބުންނާއި ޙަމާސްގެ އޮފިޝަލުންނާ ދެމެދު ޤާހިރާގައި ދާދިފަހުން ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ބޮން އަޅަން ފެށުމާ ގުޅިގެން ނުރައްކަލަށް ހުށަހެޅިފައިވާ ޣައްޒާގެ ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެކެވެ.

މި ބޯޑަރު މީގެ ކުރިން 2024 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ބަންދުކޮށްފައި އޮތުމަށްފަހު، މި ފެބްރުއަރީ މަހުގެ ކުރީކޮޅުވެސް ކުޑަ ދުވަސްކޮޅަކަށް ހުޅުވާލިއެވެ. ބޯޑަރު ހުޅުވާލުމަކީ ބޭސްފަރުވާއަށް ބޭރަށް ދާން ބޭނުންވާ މީހުންނަށާއި، ހަނގުރާމައިގެ ސަބަބުން ރަށުން ބޭރުގައި ތާށިވެފައި ތިބި މީހުންނަށް ލިބުނު ބޮޑު ލުޔެކެވެ.

ސުލްހައިގެ އެއްބަސްވުމަށް ހުރަސްއެޅޭ ފަދަ ލޭއޮހޮރުވުންތައް

ޣައްޒާގެ ރައްޔިތުންނާއި، ޞިއްޙީ މަސައްކަތްތެރިން އަދި މުޙައްލިލުން ފާހަގަކުރާ ގޮތުގައި، ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކަށްފަހު ޣައްޒާއަށް ދޭ ޙަމަލާތައް ކުޑަކޮށް މަދުވި ނަމަވެސް، މިހާރު އަނެއްކާވެސް ޙަމަލާތައް ވަނީ އިތުރުވާން ފަށާފައެވެ.

ބުރާސްފަތި ދުވަހު ޣައްޒާ ސިޓީގައި އިސްރާއީލުން ދިން ދެ ވައިގެ ޙަމަލާއެއްގައި މަދުވެގެން ހަތަރު މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެ ސިޓީގެ ޞިއްޙީ އޮފިޝަލުން ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން އިސްރާއީލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހު ސުލްހައިގެ އެއްބަސްވުން ގާއިމުކުރި ފަހުން އިސްރާއީލުގެ ޙަމަލާތަކުގައި ގާތްގަނޑަކަށް 680 މީހުން ވަނީ ޝަހީދުވެފައެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ޣައްޒާގެ މުޖާހިދުންގެ ޙަމަލާތަކުގައި އިސްރާއީލުގެ ހަތަރު ސިފައިން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

ސުލްހައިގެ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ބުނެ އިސްރާއީލާއި ޙަމާސްއިން ދަނީ އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close