ހަނގުރާމައިގެ ތެރެއިން، އީރާނުގެ އާ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ ފުރަތަމަ ފަހަރަށް ބަޔާނެއް ދެއްވައިފި

މެދުއިރުމަތީގައި ފެށިފައިވާ ވަރުގަދަ ހަނގުރާމައިގެ ތެރެއިން، އީރާނުގެ އާ ސުޕްރީމް ލީޑަރުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު މުޖުތަބާ ޚާމަނާއީ ފުރަތަމަ ފަހަރަށް ޤައުމާ މުޚާޠަބުކުރައްވައި ބަޔާނެއް ދެއްވައިފިއެވެ.
އޭނާ މަޤާމާ ހަވާލުވެވަޑައިގަތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އިސްރާއީލުގެ ވެރިން އަމުރުކޮށްގެން ދިން ހަމަލާތަކެއްގައި، އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރ އަދި އޭނާގެ ބައްޕާފުޅު އާޔަތުﷲ ޢަލީ ޚާމަނާއީއާއި އާއިލާގެ ބައެއް މެމްބަރުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
ބުރާސްފަތި ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ޚާމަނާއީ ވަނީ ޤައުމީ އެއްބައިވަންތަކަމަށް ގޮވާލައްވާފައެވެ. އަދި އީރާނުގެ ދުޝްމަނުންނަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހުރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނަ އޮތުން އެގޮތުގައި ދަމަހައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މެދުއިރުމަތީގައިވާ އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ވަގުތުން ބަންދުކުރުމަށް ޚާމަނާއީ ގޮވާލެއްވިއެވެ. އެހެން ނޫންނަމަ އެތަންތަނަށް ހަމަލާދޭނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އީރާނުން އަވަށްޓެރި ޤައުމުތަކާއެކު އެކުވެރިކަން ބާއްވަން ބޭނުންވި ނަމަވެސް، ސަރަހައްދުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ދޭ ހަމަލާތައް ކުރިއަށްދާނެ ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.
ޔަމަނުގެ މުޖާހިދުން ވެސް އެމީހުންގެ މަސްއޫލިއްޔަތު އަދާކުރާނެކަން ފާހަގަކުރައްވައި ލީޑަރު ވިދާޅުވީ، ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކުން ވެސް އިސްލާމީ އިންޤިލާބަށް އެހީތެރިވާން ބޭނުންވާ ކަމަށެވެ.
އީރާނަށް ދެމުންދާ ހަމަލާތަކުގެ ތެރޭގައި ޤައުމު ބައިބައިވިޔަނުދީ އަދި ދުޝްމަނުންގެ އަތްދަށަށް ދިޔަނުދީ ހިފެހެއްޓުމުގައި އީރާނުގެ އަސްކަރިއްޔާއިން އަދާކުރާ ދައުރު ފާހަގަކުރައްވައި ޚާމަނާއީ ވަނީ ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.
“ޤައުމަށް ދަތިތަކާއި ހަމަލާތައް ކުރިމަތިވެފައިވާ މި ވަގުތުގައި، ހިތްވަރުގަދަ ހަނގުރާމަވެރިން ކުރަމުންދާ މަތިވެރި މަސައްކަތަށް ޝުކުރު އަދާކުރަން،” ޚާމަނާއީ ވިދާޅުވިއެވެ. އަދި އީރާނުން ދުޝްމަނުންނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވަޢުދުވެވަޑައިގެންފައެވެ.




