ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫއަށް 18,000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި މިހާތަނަށް ޖުމްލަ 18،036 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މީގެ ތެރޭގައި ގޯއްޗަށް އެދި ހުށަހެޅި 2،513 ފޯމާއި، ފްލެޓަށް އެދި ހުށަހެޅި 3،396 ފޯމުގެ އިތުރުން، ކުރީގެ މަޝްރޫއުތަކުން ލިޔުން ލިބި ފްލެޓް ނުލިބޭ މީހުންނަށް ހާއްސަ ކެޓަގަރީއަށް ހުށަހެޅި ފޯމުތައް ހިމެނެއެވެ.

“އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މި ފުރުސަތުގެ ދަށުން މާލޭގެ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ވަކި އުސޫލެއްގެ ދަށުން ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެއެވެ.

ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ ބުރުގައި 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ފުޅާ މަޝްރޫއު ކަމަށްވާއިރު، މިކަމުގެ ސަބަބުން މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close