ޚަބަރު

އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ހުރި ގޮންޖެހުންތަކާއެކުވެސް، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކާއި އަމާން ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އިޖުތިމާއީ އަދުލުވެރިކަމުގެ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތާއި، އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ފުޅާކުރާނެއެވެ. މީގެ އިތުރުން މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހިމެނޭ އިގްތިސާދީ ފުރުސަތުތައް ހަމަހަމަކަމާއެކު ފަހިކޮށްދިނުމަކީވެސް ސަރުކާރުން އިސްކަންދޭނެ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތައުލީމާއި ހުނަރު ތަރައްގީކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ ކޮންމެ ދިވެއްސަކު ބާރުވެރިކޮށް، އުއްމީދީ މުސްތަގުބަލެއް ބިނާކުރުމަށް ލިބޭ ބާރެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރައްޔިތުންނަށް ފާގަތި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދައިދިނުމުގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close