އިންޑިއާގެ އޭއައި ދާއިރާއަށް 200 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

ކުރިއަށް އޮތް 2 އަހަރު އިންޑިއާގެ އޭއައި ދާއިރާއަށް 200 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެކަމަށް ލަފާކޮށްފިއެވެ.
ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ‘އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026’ ގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން، އިންޑިއާގެ އައިޓީ މިނިސްޓަރު އަޝްވިނީ ވައިޝްނަވް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑީޕް ޓެކްނޮލޮޖީގެ ދާއިރާއަށް 200 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 18.14 ލައްކަ ކްރޯޑް ރުޕީސް) ގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފެބްރުއަރީ 16 ވަނަ ދުވަހު ފެށި، ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގެ ދެވަނަ ދުވަހު މިނިސްޓަރު މިހެން ވިދާޅުވިއިރު، މި ސަމިޓުގައި ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ ގިނަ އަދަދެއްގެ އިސްވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެ، އިންޑިއާގެ އޭއައި އީކޯސިސްޓަމް ކުރިއެރުވުމާ ގުޅޭގޮތުން ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންނެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އިންވެސްޓްމަންޓްތައް މައިގަނޑު ގޮތެއްގައި އަމާޒުވާނީ ދެ ދާއިރާއަކަށެވެ. އެއީ ގައުމުގެ އޭއައި ދާއިރާއަށް ކުރެވޭ ސީދާ އިންވެސްޓްމަންޓްތަކާއި، އިންޑިއާގެ ޑީޕް ޓެކް ސްޓާޓަޕް ނިޒާމަށް ވެންޗާ ކެޕިޓަލިސްޓުން ކުރާ ފަންޑިންގ ނުވަތަ އިންވެސްޓްމަންޓްތަކެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާ ސަރުކާރުން ވަނީ ‘ޑިޖިޓަލް އިންޑިއާ’ މިޝަންގެ ދަށުން ޔޫޕީއައި، އާދާރު، ޑިޖިލޮކަރ އަދި އޯޕަން ނެޓްވޯކް ޑިޖިޓަލް ކޮމާސް ފަދަ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ (ޑީޕީއައި) ތަރައްގީކުރުމަށް ބޮޑު އިސްކަމެއް ދީފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ގާއިމުކުރެވިފައިވާ މި ވަރުގަދަ ޓެކްނޮލޮޖީގެ އޮނިގަނޑުގެ ސަބަބުން އިންޑިއާގައި އޭއައި ބޭނުންކުރުން އިތުރަށް ހަލުވިވެގެންދާނެއެވެ.
ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުގެ ވެރިން އިންޑިއާއަށް އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާއިރު، އެމެރިކާގެ މަޝްހޫރު އޭއައި ކުންފުނި އެންތްރޮޕިކް އިން ދާދިފަހުން ވަނީ ބެންގަލޫރުގައި އެ ކުންފުނީގެ ފުރަތަމަ އިންޑިއާ އޮފީސް ހުޅުވައި، އިންޑިއާއިން މުވައްޒަފުން ނަގަން ފަށާފައެވެ. އެ ކުންފުނީގެ ‘ކްލޯޑް’ ޗެޓްބޮޓް ބޭނުންކުރާ ދެވަނައަށް އެންމެ ބޮޑު އާބާދީއަކީ އިންޑިއާއެވެ.
މީގެއިތުރުން ޗެޓްޖީޕީޓީ އުފެއްދި އޯޕަން އޭއައި އިން ވެސް ނިއު ދިއްލީގައި އޮފީހެއް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އެ ކުންފުނިން ރާވަމުންދަނީ އިންޑިއާގެ އެކި ހިސާބުތަކުގައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށެވެ. ހަމައެއާއެކު، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު މައިކްރޮސޮފްޓުން ވަނީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އިންޑިއާގައި 17.5 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.57 ލައްކަ ކްރޯޑް ރުޕީސް) އިންވެސްޓް ކުރާނެކަން އިއުލާނުކޮށްފައެވެ.


