ބޭރުދުނިޔެ

މިއަދު މަސްޖިދުލް އަޤްޞާގައި ހުކުރު ނަމާދުކުރުން އިޒްރޭލުން މަނާކޮށްފި

އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާގައި ހުކުރު ނަމާދުކުރުން އިޒްރޭލުން މަނާކޮށްފިއެވެ. މިއީ ބަރަކާތްތެރި ރަމަޟާން މަސް ފެށުނީއްސުރެ، އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާއަށް ވަނުމަށް އިޒްރޭލުން އަޅަމުންދާ ހުރަސްތަކުގެ ތެރެއިން އެޅި އިތުރު ފިޔަވަޅެކެވެ.

އިޒްރޭލުގެ ސިވިލް އެޑްމިނިސްޓްރޭޝަނުގެ އިސްވެރިޔާ ބްރިގޭޑިއާ ޖެނެރަލް ހިޝާމް އިބްރާހިމް ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ އިޒްރޭލަށާއި މުޅި ސަރަޙައްދަށް އަމާޒުކޮށް އީރާނުން ދީފައިވާ ރައްދު ހަމަލާތަކާ ގުޅިގެންނެވެ.

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތައް މިދިޔަ ހޮނިހިރު ދުވަހު ވަރުގަދަކޮށްފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އޮމާނުން ބުނެފައިވަނީ ނިއުކްލިއަރ އެއްބަސްވުމަކާ ހަމައަށް ދެވޭނެ މަގު ފަހިވެފައިވާ ކަމަށެވެ. އެއީ ނިއުކްލިއަރ ބޮން އުފެއްދުމަށް ބޭނުންވާ ޔުރޭނިއަމް ރައްކާނުކުރުމަށް ތެހެރާނުން އެއްބަސްވުމާ ގުޅިގެންނެވެ.

“ޤުދުސްގެ ބާޒާރުމަތީގައި ހުރި ހުރިހާ މުޤައްދަސް ބިނާތަކެއް މާދަމާ ބަންދުވާނެ. މީގެ ތެރޭގައި ހުޅަނގު ފާރާއި (ވެސްޓަން ވޯލް)، ޓެމްޕަލް މައުންޓް (މަސްޖިދުލް އަޤްޞާ) އަދި ޗާޗް އޮފް ދަ ހޮލީ ސެޕަލްކާ ހިމެނޭ. އެއްވެސް ދީނެއްގެ އަޅުކަންކުރާ މީހަކަށް ނުވަތަ ޒިޔާރަތްކުރާ މީހަކަށް އެ ތަންތަނަށް ވަނުމުގެ ފުރުޞަތެއް ނޯންނާނެ،” ހިފާފައިވާ ހުޅަނގު އައްސޭރި ބަލަހައްޓާ އިޒްރޭލުގެ އިދާރާގެ އިސްވެރިޔާ ވިދާޅުވިއެވެ.

އީރާނުން ދިން މިސައިލް ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުން 10 މީހަކު މަރުވެފައިވާއިރު، އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާތަކުގައި މަދުވެގެން 1,230 މީހުން ވަނީ ޝަހީދުވެ/މަރުވެފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ފެށުނީއްސުރެ، ގުދުސްގެ ބާޒާރުމަތީ ސަރަޙައްދަށް ވަދެވޭނީ ހަމައެކަނި އެތަނުގެ ރަށްވެހިންނަށާއި ފިހާރަ ހިންގާ މީހުންނަށް އެކަނި ކަމަށް އިޒްރޭލުން ވަނީ ކަނޑައަޅާފައެވެ.

މަސްޖިދުލް އަޤްޞާގެ އިސް އިމާމް، ޝެއިޚް އިކްރިމާ ޞަބްރީ ވަނީ އިޒްރޭލުން އެ މިސްކިތް ބަންދުކުރަމުންދާ ދިއުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އާދިއްތަ ދުވަހު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވީ، އިސްތިއުމާރީ ބާރުތަކުން ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފައިގެން އަޤްޞާ މިސްކިތް ބަންދުކުރަމުންދާ ކަމަށާއި، މިއީ އެއްވެސް އުޞޫލަކުން ބަލާއިރު ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close