ރޯދަ މަހުގެ ކަރަންޓު ބިލު ބޮޑުނުވާނެހެން ރީޑިން ނެގުމުގެ މަސައްކަތް ސްޓެލްކޯއިން ފަށަނީ

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކަރަންޓު ބިލުތައް ބޮޑުނުވާނެ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ އުސޫލުގެ ދަށުން ބިލު ކުރުމަށްޓަކައި، ރީޑިން ނެގުމުގެ މަސައްކަތް މި ފެށޭ ހަފްތާގައި ފަށާނެ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.
ސްޓެލްކޯގެ އޮފިޝަލަކު މިއަދު މަޢުލޫމާތު ދެއްވި ގޮތުގައި، ރޯދަ މަހަށް ވަކިން ބިލު ތައްޔާރުކުރުމަށްޓަކައި ރީޑިން ނެގުމުގެ މަސައްކަތް ކުރިއަށްދާނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހުއެވެ. މިގޮތަށް ހަމަޖެއްސެވީ ރޯދަ މަހަކީ އާންމުކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވެފައި، ރައްޔިތުންނަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުންނެވެ.
ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވަނީ ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް، ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށެވެ. ބިލުގެ ބާކީ ބަޔަކީ ސަރުކާރުން ދޭ ޚާއްޞަ ޑިސްކައުންޓެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. މިއީ މިދިޔަ އަހަރުގެ ރޯދަ މަހުވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ދިން ލުއިތަކުގެ ކުރިއެރުމެކެވެ.
ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ މީގެ ކުރިންވެސް ތަފާތު ހަދިޔާތައް ބައްސަވާފައެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ އަހަރު ކޮންމެ ގޭބިސީއަކަށް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ ހަދިޔާކުރެއްވިއެވެ. އަދި އޭގެ ފަހުން ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ބެހުމުގެ އިންތިޒާމުވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
މި ފަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލަށް މި ގެނެވޭ ބަދަލާއެކު، ގިނަ ރައްޔިތުންނަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.


