ވަކި މީހަކަށް ތައުބާ ނުލައްވާނެ ކަމަށް ހީކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ކޮންމެ މުސްލިމަކީވެސް އިންސާނީ ތަބީޢަތުގެ ގޮތުން ފާފައަށް ހުށަހެޅިފައިވާ މީހެކެވެ. އިންސާނާގެ ނަފްސާނީ އެދުންތަކުގެ ސަބަބުން ކޮންމެވެސް ސިފައެއްގައި ކޮންމެ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ. މީގެ މާނައަކީ ކޮންމެ މީހަކީ ފާޙިޝް އަމަލުތައް ކުރާ މީހެކޭ ނޫނެވެ. ނަމަވެސް، ނޭނގި ތިއްބާވެސް އަޅުގަނޑުމެންގެ އަތުން ގިނަ ފާފަތަކެއް ކުރެވެއެވެ. މިސާލަކަށް، ރައްޓެހިންނާއެކު މަޖްލީސްތަކުގައި ތިބޭއިރު ދެކެވޭ ވާހަކަތަކުގެ ތެރެއިން މީހުންގެ ޣީބަ ބުނުމާއި، ހީސަމާސާ ކުރުމުގެ ތެރޭގައި އަނެކުންނަށް ފުރައްސާރަ ކުރުމާއި، ރުޅީގެ ވަގުތުގައި މީހުންގެ ނެތިނުބައި ކިޔުމަކީވެސް ފާފަތަކެވެ.
މީހަކަށް ފާފައެއް ކުރެވިއްޖެކަން އެނގުމުން، އެ މީހަކު ފަޟީޙަތްކޮށް ބަދުނާމު ކުރުމަކީ މިއަދުގެ މުޖުތަމަޢުގައި ވާޖިބު ކަމެއް ފަދައިން ކުރެވެމުންދާ ކަމެކެވެ. އިވޭ ކޮންމެ އަޑެއްގެ ތެދުދޮގު ބެލުމެއް ނެތި ފަތުރަމުންދާއިރު، ކަމުގެ ހަޤީޤަތް ހޯދުމަށް އިސްކަމެއް ނުދެވެއެވެ. ހަމައެކަނި އެއްފަރާތުގެ ވާހަކައަށް ބިނާކޮށް ގޮތް ނިންމާ މީހުން މަދެއް ނޫނެވެ. މީހަކު ފާފައެއް ކުރި ކަމުގެ ޚަބަރު ފެތުރޭއިރު، އެކަމަށް އެކަށީގެންވާ ހެއްކެއް ނުވަތަ ޤަރީނާއެއް ނެތި، ހަމައެކަނި ދެކެވޭ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އަނެކާގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެލަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، އެ މީހެއްގެ ޤަދަރާއި އިޙްތިރާމް ގެއްލި، މުޖުތަމަޢުގައި އޭނާއަކީ އަބަދުގެ ކުށްވެރިއެއްގެ ގޮތުގައި ލޭބަލް ކުރެވެއެވެ. ގިނަ ބަޔަކަށް ހީވަނީ ފާފައެއް ކުރެވިއްޖެ މީހަކަށް ދެން ދުވަހަކުވެސް ހެޔޮމަގަށް ރުޖޫޢަ ނުވެވޭނެ ކަމަށެވެ. އަދި އޭނާ ކުރާ ހެޔޮ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، އެފަދަ މީހަކާއެކު ހެޔޮކަމެއްގައި ބައިވެރިވުމަކީވެސް ނުރަނގަޅު ކަމެއް ކަމަށް ދެކެވެއެވެ. މިފަދަ ނަޒަރިއްޔާތެއް ގެންގުޅޭނަމަ، ތިޔަ އިންކާރު ކުރެވެނީ ﷲ ތަޢާލާގެ މަތިވެރި ސިފަފުޅެއް ކަމުގައިވާ “އައްތައްވާބު” (ތައުބާ ޤަބޫލުކުރައްވާ އިލާހު) ކަމަށެވެ. އެކަލާނގެއީ ފާފަފުއްސަވާ އޯގާވަންތަ އިލާހެވެ. ފާފަ ކިތަންމެ ކުޑަޔަސް ނުވަތަ ބޮޑަސް، އަދި އަދަދުގެ ގޮތުން ކިތަންމެ ގިނަޔަސް، އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމުން ﷲ ތަޢާލާ އެ ފާފަތައް ފުއްސަވައިދެއްވާނެއެވެ.
މީހަކަށް ކުރެވުނު ފާފައެއްގެ ބޮޑުކަމުން އޭނާއަށް ދެން ޠާހިރު ނުވެވޭނެ ކަމަށް ބުނާނަމަ، އެ ބުނެވެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކާ ޚިލާފު ވާހަކައެކެވެ. ވީމާ، ތިރީގައިވާ އާޔަތާއި އޭގެ މާނައާމެދު ފުންކޮށް ވިސްނާލާށެވެ.
۞ قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴿٥٣﴾
މާނައީ ” ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
މިއީ ހަމަ އެންމެ އާޔަތެކެވެ. މިވަރުންވެސް އީމާންވެފައިވާ ހިތްތަކަށް ފުދޭނެއެވެ. އެހެނަސް މިކަމުގައި އިތުރު ވާހަކަތައްވެސް ގެނެސްދޭނަމެވެ.
ބޮޑެތި ފާފަތަކަށް އަރައިގަނެފައިވާ މީހާގެ ތައުބާ އާއި، ނަމާދާއި، ރޯދަ ﷲ ތަޢާލާ ޤަބޫލުނުކުރައްވާނެ ކަމަށް ތިބާއަށް އިވިފައިވާ ވާހަކަތަކަކީ އެއްވެސް އަޞްލެއް ނެތް ބާޠިލު ވާހަކަތަކެއްކަން ދަންނަންޖެހެއެވެ. އެފަދަ ވާހަކަތައް ދެއްކުމަކީ އެއްވެސް ޢިލްމީ ބިންގަލެއް ނެތި ﷲ އާ މެދު ވާހަކަދެއްކުމެވެ. މީހަކު ކުރި ފާފައެއް ކިތަންމެ ބޮޑު ނަމަވެސް، އެ މީހަކު އިޚްލާޞްތެރިކަމާއެކު ކުރާ ތައުބާ ﷲ ތަޢާލާ ޤަބޫލުކުރައްވާނެކަން ކީރިތި ޤުރުއާނާއި ރަސޫލާ ﷺ ގެ ސުންނަތުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އެހެންކަމުން، މީހަކު ކުރި ފާފައެއްގެ ބޮޑުކަމުން ނުވަތަ އެކަމުގެ ނުބައިކަމުން، އެ މީހަކު ތައުބާވުމަށް ހުރަސްއެޅުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
އެންމެ ބޮޑެތި ފާފަތައް ވެސް ފުއްސަވައިދެއްވާނެކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
“އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި اللَّه، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوبات އާ ބައްދަލުކުރާނެތެވެ. (68) އެމީހަކަށް قيامة ދުވަހުން عذاب ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ حال އެ عذاب ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ. (69) توبة ވެ، إيمان ވެ، ގިނަގިނައިން صالح عمل ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (70)” [ފުރުޤާން: 68-70]

