ބޭރުދުނިޔެ

ނިޕާ ވައިރަސް ޖެހިގެން ބަންގްލަދޭޝްގައި މީހަކު މަރުވެއްޖެ

ނިޕާ ވައިރަސް ޖެހިގެން ބަންގްލަދޭޝްގައި މީހަކު މަރުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހުކުރު ދުވަހު އިއުލާނުކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝްގެ ރާޖްޝާހީ ޑިވިޝަންގެ ނައޯގާއޮން ޑިސްޓްރިކްޓުން ނިޕާ ވައިރަސް ޖެހިގެން މަރުވީ އުމުރުން 40 އާއި 50 އަހަރާ ދެމެދުގެ އަންހެނަކެވެ. މިއީ 2026 ވަނަ އަހަރު ބަންގްލަދޭޝްއިން މިބަލި ފެނުނު ފުރަތަމަ ކޭސްކަމަށް ވާއިރު، މިދިޔަ ހަފުތާގައި އިންޑިއާއިން މިވައިރަސްގެ ދެ ކޭސް ފެނިފައިވާތީ ސަރަހައްދީ ގައުމުތަކުގެ ކަންބޮޑުވުންތައް އިތުރުވެއްޖެއެވެ.

ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި، ބަލިޖެހިގެން މަރުވި އަންހެނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މަރުވީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް ނޭޝަނަލް ފޯކަލް ޕޮއިންޓް (އައިއެޗްއާރު އެންއެފްޕީ) އިން ޑަބްލިޔުއެޗްއޯއަށް މިކަން އަންގާފައިވަނީ ފެބްރުއަރީ 3، 2026 ގައި ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައިވެއެވެ. ބަލި ޖެހުނު މީހާއާ ގުޅުންހުރި އިތުރު 35 މީހަކު މިވައިރަސްއަށް ޓެސްޓްކޮށްފައިވާއިރު، މިހާތަނަށް އިތުރު ކޭސްއެއް ފެނިފައެއް ނުވެއެވެ.

2001 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ނިޕާ ވައިރަހުގެ ގާތްގަނޑަކަށް 348 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިކަން އިއުލާން ކޮށްފައިވަނީ އިންޑިއާގެ އިރުމަތީގެ ހުޅަނގު ބެންގަލް ސްޓޭޓުން މިވައިރަސްގެ ދެ ކޭސް ފެނުނުތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އިންޑިއާއިން ނިފާ ވައިރަސް ފެނުމާ ގުޅިގެން ޗައިނާއާއި ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ކަންބޮޑުވުންތައް އިތުރުވެ، އެއާޕޯޓްތަކުގައި ސްކްރީނިން އޮޕަރޭޝަންތައް ހަރުކަށިކޮށްފައިވެއެވެ.

ނިޕާ ވައިރަސް އިންފެކްޝަނަކީ އޫރާއި، ވާ ފަދަ ޖަނަވާރުތަކުން އިންސާނުންނަށް ޖެހޭ “ޒޫނޮޓިކް ބައްޔެއް” ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެއެވެ. މި ބަލި ފެތުރެނީ ޖަނަވާރުންނާއި އިންސާނުންނަށް ބަލިޖެހިފައިވާ ފަރާތްތަކާ ސީދާ ކޮންޓެކްޓްވުމުންނާއި، ވައިރަސްއާ ތަޣައްޔަރުވެފައިވާ ކާނާއިންނެވެ. ޚާއްސަކޮށް، ވާލުން ދިފާއުކުރުމެއް ނެތި އުފައްދާ ދިހި ފަދަ ބުއިންތައް ބޭނުންކުރުމުންނެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހޮޑުލެވުމާއި، ކަރުގައި ރިއްސުން ހިމެނެއެވެ. ބަލި ބޮޑުވާ ހާލަތްތަކުގައި ނިއުމޯނިއާ ޖެހުމާއި، ސިކުނޑި ދުޅަވުމާއި، ފުރާނައަށް ނުރައްކާވުން އެކަށީގެންވާއިރު، މި ބަލީގައި މަރުވާ ރޭޓަކީ 40 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މިންވަރެކެވެ. ބަލި ޖެހޭތާ އާންމުގޮތެއްގައި ހަތަރު ދުވަހާއި 14 ދުވަހާއި ދެމެދުގައި އަލާމާތްތައް ފެންނަން ފަށައެވެ.

މި ބައްޔަށް މިހާތަނަށް ކަށަވަރުކޮށްދޭނެ ފަރުވާއެއް ހޯދިފައި ނުވެއެވެ. ދެވޭ ބޭހަކީ ހަމައެކަނި ބަލީގެ އަލާމާތްތަކަށް ލުއިދިނުމުގެ ފަރުވާއެކެވެ. ނިޕާ ވައިރަސްއިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުކަމަށް ސަމާލުކަންދީ، ވާލު ފަދަ ޖަނަވާރުންނާ ކޮންޓެކްޓްވުން ކުޑަކުރުމަށް ސިއްހީ ތަޖުރިބާކާރުން އިލްތިމާސް ކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close