ޚަބަރު

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު އަލުން ބާއްވަނީ

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ‘ބިންވެރިޔާ’ ސްކީމުގެ ދަށުން އެ ސަރަހައްދުން ގޯތި ލިބިފައިވާ މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިގޮތަށް ނިންމީ ކުރީގެ ޕްލޭނުގައި 610 ގޯތި މަދުވާތީ، ޖުމްލަ 4،072 ގޯތި ހިމެނޭހެން އާ ޕްލޭނެއް އެކުލަވާލުމަށްފަހުގައެވެ.

މި ގުރުއަތުލުމުގައި 1،250 އަކަފޫޓުން ފެށިގެން 2،450 އަކަފޫޓާ ދެމެދުގެ އެކި ސައިޒުތަކުގެ ގޯތިތަކުގެ ލޮޓު ނަންބަރު ކަނޑައަޅާނެއެވެ. މިނިސްޓްރީގެ މުވައްޒަފުން ކުރިއަށްގެންދާ މި ގުރުއަތުލުމުގެ ތެރެއިން، ކޮންމެ ގޯއްޗަކަށް އެކަކަށް ހޯލަށް ވަދެވޭނެ ކަމަށާއި، ގުރުއަތުން ހަމަޖެހޭ ބިން “ހިޔާވެހި” ޕޯޓަލުންނާއި އެސްއެމްއެސް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ގުރުއަތުލައި ނިމުމުން، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ބިމުގެ ރަޖިސްޓަރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާވަލެއް ފަހުން އިއުލާނުކުރާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ބަދަލާއެކު ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ބިން ކަށަވަރުވެގެންދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close