ޕާކިސްތާނުގައި ކައިވެނިހަފުލާއަކަށް ދިން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އުތުރު ހުޅަނގުގައި އޮންނަ ސަރަޙައްދެއްގައި ކައިވެނި ހަފުލާއަކަށް އަމާޒުކޮށް ދިން އަމިއްލައަށް މަރުވެގެން ބޮންގޮއްވުމުގެ ހަމަލާއެއްގައި، މަދުވެގެން ހަތް މީހުން މަރުވެފައިވާ ކަމަށް އެޤައުމުގެ ފުލުހުން ބުނެފިއެވެ.
ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ދޭރާ އިސްމާޢީލް ޚާން ޑިސްޓްރިކްޓްގައި ހުކުރު ދުވަހު ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ، “ޕީސް ކޮމިޓީ” ނުވަތަ އަމަން ބަލަހައްޓާ ކޮމިޓީގެ މެންބަރުން ތިބި އިމާރާތެއްގައި ބާއްވަމުންދިޔަ ކައިވެނި ހަފުލާއަކަށް ކަމަށް ފުލުހުންގެ އޮފިޝަލް މުޙައްމަދު އަދުނާން ހޮނިހިރު ދުވަހު މައުލޫމާތު ދެއްވިއެވެ.
މި ކޮމިޓީތަކަކީ އަފްޣާނިސްތާނުގެ ބޯޑަރު ސަރަޙައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި، އެ ސަރަޙައްދުގެ ރައްޔިތުންނާއި އިސްރަށްވެހިން ހިމެނޭ ގޮތަށް ޕާކިސްތާނުގެ ސަރުކާރުގެ އެހީތެރިކަމާއެކު އުފައްދާފައިވާ ކޮމިޓީތަކެކެވެ.
ހަމަލާ ދިން ދުވަހު ތިން މީހަކު މަރުވިކަން ކަށަވަރު ކުރެވުނު ނަމަވެސް، ޒަޚަމްވި މީހުންގެ ތެރެއިން އިތުރު ހަތަރު މީހަކު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވާ ކަމަށް އަދުނާން ވިދާޅުވިއެވެ.
މި ހަމަލާ ދީފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރު ސަރަޙައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަރުގަދަ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މި ސަރަޙައްދުގައި ފިނި މޫސުމުގެ ގަދަ ފިނީގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، މި ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހާސް ބަޔަކަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.
މިހާތަނަށް އެއްވެސް ޖަމާޢަތަކުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ނަމަވެސް، މި ހަމަލާގެ ތުހުމަތު ބޮޑަށް ކުރެވެނީ ފަހަކަށް އައިސް ޕާކިސްތާނުގައި ގިނަ ހަމަލާތަކެއް ދެމުންދާ “ޓެހްރީކޭ ތާލިބާން ޕާކިސްތާން” (ޓީ.ޓީ.ޕީ) އަށެވެ.
އަފްޣާނިސްތާނުގެ ބޯޑަރުގެ ދެ ފަރާތުގައިވެސް ހަރަކާތްތެރިވާ ޓީ.ޓީ.ޕީ އިން ވަނީ އަމަން ބަލަހައްޓާ ކޮމިޓީގެ މެންބަރުންނަކީ ޚާއިނުން ކަމަށް ސިފަކޮށްފައެވެ. އެ ޖަމާޢަތުގެ މައިގަނޑު މަޤްޞަދަކީ ޕާކިސްތާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، އެމީހުން ގަބޫލުކުރާ ހަރުކަށި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޝަރީޢަތެއް ޤާއިމުކުރުމެވެ.
