ޚަބަރު

ބާރުގަދަ އެއްޗެއް ގޮއްވާލައިގެން، ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ހަމަލާއެއް ދީފި

ބާރުގަދަ އެއްޗެއް ގޮއްވާލައިގެން، ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް މިރޭދީފިއެވެ.

އެހަމަލާ ދީފައިވަނީ ރައީސް މުހައްމަދު ނަޝީދު ގެކޮޅުން ނިކުމެއްވަޑައިގެން ކާރުކޮޅަށް އަރުއްވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ. އެޙަމަލާގައި އެމަނިކުފާނަށް އަނިޔާވެފައިވާތީ މިހާރުވަނީ އޭޑީކޭއަށް ފަރުވާއަށް ގެންގޮސްފައެވެ.

ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް އެމަނިކުފާނަށް އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓާގައި މިހާރު ދަނީ ފަރުވާދެމުންކަން އެ ހޮސްޕިޓަލުން ވަނީކަށަވަރު ކޮށްދީފައެވެ.

އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ދެންމެ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ އިތުރުން ބިދޭސީއަކަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އޭނާގެ ފައި ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް މައުލޫމާތު ލިބޭއިރު އެމީހާއަށް ވެސް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

މަންޒަރު ދުށް މީހުންނާއި ޙަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޮވާފައިވަނީ ސައިކަލެއްގައި ހަރުކޮށްފައި ހުރި އެއްޗެކެވެ.

އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާއިރު ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ އެއްވެފަ އެވެ.

މުޅީ އެހިސާބު މިހާރުވަނީ ބަންދުކޮށްފައެވެ. އެތާންގައި ސިފައިންނާއި ފުލުހުން ހަތިޔާރާއިއެކު ޙަރަކާތްތެރިވަމުން އެބަދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close