ޚަބަރު

ގދ. ތިނަދޫގައި 50 ފްލެޓް އެޅުމާއި މަގުހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ގދ. ތިނަދޫގެ އުމްރާނީ ތަރައްޤީއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ މުހިންމު ދެ މަޝްރޫއެއް ކަމަށްވާ، އެރަށުގައި އަލަށް އިމާރާތްކުރާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތާއި، މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ތިނަދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވައި، މަސައްކަތްތައް ފައްޓަވައިދެއްވީ ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުތަކުގައި ތިނަދޫ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ތަފްސީލަށް ބަލާއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ތިނަދޫގެ 19.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި (ޖުމްލަ 50 މަގުގައި) ތާރުއަޅައި، ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރެވިގެންދާނެއެވެ. މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ ތިން އަހަރާއި ނުވަ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

މީގެ އިތުރުން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ 50 ފްލެޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ޝަރުތުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ބިނާކުރާ ކޮންމެ ފްލެޓެއްގައިވެސް ތިން ކޮޓަރި ހުންނާނެ ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ތިނަދޫގެ ބޯހިޔާވަހިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހިއްސާކުރަމުން ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، ސަރުކާރުން އެރަށުގައި މިހާރު އިމާރާތްކޮށްފައިވާ 200 ހައުސިންގ ޔުނިޓަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 1،022 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަކަށް ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓްރީން ވަނީ ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close