ދެކުނުގެ 4 އެއާޕޯޓް ގުޅާލުމަށް މޯލްޑިވިއަނުން ކަނެކްޓިން ފްލައިޓްތަކެއް ފަށަނީ

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އެއާޕޯޓެއް ގުޅާލުމަށްޓަކައި އަންނަ މަހުން ފެށިގެން ކަނެކްޓިން ފްލައިޓްތަކެއް ބޭއްވުމަށް އައިލެންޑް އޭވިއޭޝަނުން ނިންމައިފިއެވެ.
މި ދަތުރުތައް އަމާޒުކޮށްފައިވަނީ އައްޑޫ ސިޓީ ގަމާއި، ފުވައްމުލައް ސިޓީގެ އިތުރުން ގދ. ކާޑެއްދޫ އަދި ގއ. ކޫއްޑޫ އަށެވެ. މިއާއެކު އައްޑޫ ސިޓީން ފެށިގެން ހުވަދު އަތޮޅާ ހަމައަށް ވައިގެ މަގުން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުތަކުގެ ޓިކެޓް އަގުތައް އުޅެނީ އެއްކޮޅަށް 500 ރުފިޔާ އާއި 900 ރުފިޔާއާ ދެމެދުގައެވެ. މި ދަތުރުތަކަށް މިހާރު ޓިކެޓް ބުކް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ދެކުނުގެ ދަތުރުތަކުގެ އިތުރުން، އުތުރުގެ ބައެއް އަތޮޅުތަކަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށްވެސް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
ކޮންމެ ރަށަކުންވެސް ގިނަވެގެން 30 މިނެޓް ތެރޭގައި އެއާޕޯޓަކަށް ދެވޭނެ މަގު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މޯލްޑިވިއަނުން އަލަށް ފަށާ މި ދަތުރުތަކަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
