ޚަބަރު

ބޫސްޓަރ ޑޯޒް ޖަހުމަށްޓަކައި އިތުރު 100،600 ފައިޒާ ވެކްސިންގެ ޑޯޒް ރާއްޖެ ގެނެސްފި

ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އާންމުކޮށް ބޫސްޓަރ ޑޯޒް ޖެހުމަށް ފައިޒާ ވެކްސިންގެ އިތުރު 100،000 އަށްވުރެ ގިނަ ޑޯޒް ރާއްޖެގެނެސްފިއެވެ.

ކޯވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ “ބޫސްޓަރ ޑޯޒް” ޖެހުން މިހާރު ވަކި ކެޓަގަރީތަކުގެ މީހުންނަށް ޚާއްސަކުރެވިފައިވީ ނަމަވެސް، އަލަށް މި ލިބުނު ވެކްސިންއާއެކު އާންމުކޮށް ހުރިހާ އެންމެންނަށްވެސް ބޫސްޓަރ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖަހަންފަށާނެކަން އެޗްއީއޯސީންވަނީ ހާމަކުރައްވާފައެވެ.

މިއަދު ރާއްޖެ ގެނައީ ފައިޒާ ވެކްސިންގެ 100،620 ޑޯޒް ވެކްސިންއެވެ. މިއީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންތަކެކެވެ. ރާއްޖޭގައި ތިބި ވެކްސިންޖެހޭ އުމުރުފުރާގެ ކޮންމެމީހަކީވެސް ވެކްސިންޖަހާފައިވާ މީހަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން މީގެ ކުރިންވެސް އެމެރިކާއިން ވަނީ ފައިޒަރ ވެކްސިންގެ 120،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކޯވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ ކުރީކޮޅުއެވެ. އޭރު ހުޅުވާލީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ. އަދި އޭގެފަހުންވަނީ ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށްވެސް ބޫސްޓަރ ޑޯޒް ޖަހަން ފަށާފައެވެ. މިމަހުގެ 15 އިން ފެށިގެން އާންމުންނަށް ބޫސްޓަރ ޑޯޒް ޖަހަން ވަނީ ފަށާފައެވެ.

ރާއްޖޭގައި ވެކްސިންޖެހޭ އާބާދީގެ ބޮޑުބައެއް މިހާތަނަށް ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު، 3ވަނަ ޑޯޒް، މިހާތަނަށް 22،000އަށްވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close