ޚަބަރު

ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގައި އަވަސްއަރުވާނުލުމަށް މިނިސްޓަރު އިލްތިމާސްކުރައްވައިފި

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފޯމު ހުށަހެޅުމުގައި، ‘ފަސްޓް ކަމް، ފަސްޓް ސާވް’ އުސޫލުން އަމަލުނުކުރާނެ ކަމަށާއި، އަވަސްއަރުވާލުމުގެ ބަދަލުގައި ހުރިހާ ލިޔެކިޔުންތަކެއް ހަމަކޮށް ފޯމު ފުރިހަމަކުރުމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އިލްތިމާސްކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިން ފޯމު ހުށަހެޅުމަކުން ލިބޭނެ އިތުރު މާކްސްއެއް ނޯންނާނެ ކަމަށާއި، އެންމެ މުހިއްމީ ޝަރުތު ހަމަވެ ލިޔެކިޔުންތައް ފުރިހަމަވުން ކަމަށެވެ.

މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ދެ ދުވަހު 877 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ބިމަށް އެދި 221 ފޯމު އަދި ފްލެޓަށް އެދި 416 ފޯމު ހިމެނޭއިރު، 5،599 ފަރާތެއްގެ ފޯމު މިވަގުތު ހުރީ ޑްރާފްޓް ސްޓޭޖުގައެވެ. މިނިސްޓަރު ބާރުއެޅުއްވީ ޝަރުތު ހަމަނުވާކަން އެނގި ތިބެ ނުބައި މައުލޫމާތު ދީގެން ފޯމު ހުށަނޭޅުމަށެވެ. ސަބަބަކީ އެކަމުގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް ބޭކާރުވެގެންދާނެތީއެވެ.

ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް އެކަށީގެންވާ މުއްދަތެއް ދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ބިމަށް އެދުމަށް 45 ދުވަސް އަދި ފްލެޓަށް އެދުމަށް ތިން މަސް ދުވަހުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ހުށަހަޅާ ހުރިހާ އެޕްލިކޭޝަންތަކަކަށްވެސް އަމަލުކުރެވޭނީ ހަމަހަމަ އުސޫލަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close