ތިން ރަށެއްގައި އިސްލާމީ މަރުކަޒު އަދި އެއްރަށެއްގައި މިސްކިތް ބިނާކުރުމަށް ބަޔަކާ ހަވާލުކޮށްފި

ރާއްޖޭގެ ތިން ރަށެއްގައި އިސްލާމީ މަރުކަޒާއި، ކ. ގުޅީގައި އައު މިސްކިތެއްގެ އިތުރުން ގއ. ވިލިނގިލީގައި ގުރުއާނާ ބެހޭ މަރުކަޒެއް ބިނާކުރުމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން މިއަދު އެކި ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
އިސްލާމީ މަރުކަޒުތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ ޅ. ނައިފަރާއި، ހއ. އިހަވަންދޫ އަދި ގއ. ވިލިނގިލީގައެވެ. މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިސްލާމިކް ވުޒާރާއިން ވިދާޅުވި ގޮތުގައި މި މަޝްރޫޢުތަކުގެ ދަށުން ނައިފަރުގައި 1000 މީހުންގެ ޖާގައިގެ މަރުކަޒެއް ބިނާކުރާއިރު، އިހަވަންދޫ އަދި ވިލިނގިލީގައި ބިނާކުރަނީ 700 މީހުންގެ ޖާގައިގެ މަރުކަޒުތަކެކެވެ. އަދި ގުޅީގައި 500 މީހުންގެ މިސްކިތެއް ބިނާކުރުމަށް ވަނީ ހަވާލުކޮށްފައެވެ. މި އިމާރާތްތަކުގައި ކުލާސްރޫމްތަކާއި، ލައިބްރަރީ، ކޮންވެންޝަން ހޯލް އަދި އަންހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމުތައް ހިމެނޭނެއެވެ. މީގެ އިތުރުން ގއ. ވިލިނގިލީގައި އަޅާ ގުރުއާނާ ބެހޭ މަރުކަޒަކީ ހިފްޒުކުރާނެ ޚާއްޞަ ކޮޓަރިތަކާއެކު ފަރުމާކޮށްފައިވާ ތަނެކެވެ.
މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް، ކޭ އެންޑް އެފް ހޯލްޑިންގްސް، ސެންޓްރަލް ލައިން އަދި ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން، ރަށްރަށުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

