ޚަބަރު

24 ގަޑިއިރު ތެރޭގައި ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ އަދަދު 500 އަށްވުރެ މައްޗަށް

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް އިއްޔެ ފުރުޞަތު ހުޅުވާލުމާއެކު، މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފްލެޓަށް އެދި 399 މީހުން އަދި ގޯއްޗަށް އެދި 119 މީހުން މިހާތަނަށް ފޯމު ހުށަހަޅާފައިވާއިރު، 3،836 މީހަކު ދަނީ ޕޯޓަލްގައި ފޯމު ފުރިހަމަކުރަމުންނެވެ.

މި ބުރުގައި ޖުމްލަ 15،000 ގޯއްޗާއި 79،000 ފްލެޓަށް ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅުމުގެ ކަންކަން ކުރިއަށްދަނީ “ހިޔާވެހި” އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމަށްފަހު ކެންސަލް ނުކުރެވޭނެތީ، ހުށަހެޅުމުގެ ކުރިން ޑްރާފްޓް މަރުހަލާގައި ބައިންދައިގެން ބޭނުންވާ ބަދަލުތައް ގެނައުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ކޮންމެ މީހަކަށްވެސް ހުށަހެޅޭނީ ފްލެޓް ނުވަތަ ގޯތި، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ.

މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތާއި ޝަރުތުތައް ސަރުކާރުގެ ގެޒެޓާއި ވުޒާރާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފައިވާކަމަށް  ސަރުކާރުން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close