ޚަބަރު

ބަންޑުން ޖަހާލި ދޯނީގައި ހުރި މުދާތައް އޮޔާދާތީ، ސަމާލުވާން އެދެފި

ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި ބޯޓެއް ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލައިގެން މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް ދިވެހިރާއްޖޭގެ ދިފާޢީބާރުން އިލްތިމާސްކޮށްފިއެވެ. 

އެމްއެންޑީއެފުން މަޢުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ހެނދުނު ބަންޑުން ޖަހާލި ދޯނިން އޮޔާދާ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ވީމާ، ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާކަމަށާއި އަދި ޚާސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.

ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި މި ބޯޓު ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިރިއަށް ބަންޑުންޖަހާލި ހާދިސާ ރިޕޯޓުކުރީ މިއަދު ހެނދުނު 7:27 އެހާކަންހާއިރެވެ.

އެ ބޯޓުން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ސަލާމަތްކޮށްފައިވާއިރު، ބޯޓުގެ ކެޕްޓަން ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ. އެއީ، ދިވެއްސެކެވެ. އޭނާއާ އެކު ދަތުރުކުރި އިތުރު ބިދޭސީ މީހެއް ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

ބިދޭސީ މީހާ އަދިވެސް ނުފެންނައިރު، ގެއްލުނު ދިވެހި މީހާ ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިން ފެނުނީ މިއަދު ހެނދުނު 11:00 ހާއިރެވެ.

މި ހާދިސާގައި މަރުވީ ބ. ހިތާދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ އަލީ ހުސައިނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close