ޚަބަރު

ޕީއެންސީގެ އާ އޮފީސް އިމާރާތްކުރީ ހުރިހާ ހުއްދައެއް ނަގައިގެން ކަމަށް ޝަފީޢާ ބުނެފި

ވެރިކަންކުރާ ޕީއެންސީގެ އާ އޮފީސް ހިންގާ ވެޔޮވިލާގޭގެ މަސައްކަތް ކުރީ މާލޭ ސިޓީ ކައުންސިލުން ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ކަމަށް އެ ގޭގެ ވެރިފަރާތް ކަމަށްވާ ޝަފީޢާ ޒުބައިރު ބުނެފިއެވެ.

ޝަފީޢާ މިހެން ބުނީ އެ އިމާރާތަކީ ހުއްދަ ނުނަގާ ކޮށްފައިވާ މަސައްކަތެއް ކަމަށް ބުނެ ސިޓީ ކައުންސިލުން އޭނާ 128،000 ރުފިޔާއިން ޖޫރިމަނާކުރުމާ ގުޅިގެންނެވެ. ޝަފީޢާ ފާހަގަކުރި ގޮތުގައި ކައުންސިލުން ދީފައިވާ ހުއްދަ އޭނާގެ އަތުގައި އެބައޮތް ކަމަށާއި، ފަހުން އިތުރު ހުއްދައަކަށް އެދުނީ ކުރެހުމަށް ބަދަލުތަކެއް ގެނައުމަށެވެ.

ޕީއެންސީގެ މައި ހަރުގޭގެ ގޮތުގައި ބޭނުންކުރަމުންދާ މި އިމާރާތް ފަސް ފަންގިފިލާއަށް ތަރައްޤީކޮށް، ދާދިފަހުން ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. 2024 ވަނަ އަހަރުން ފެށިގެން ޕީއެންސީން ބޭނުންކުރަމުންދާ މި އޮފީހުގެ މަސައްކަތްތައް ހުއްދައާ ޚިލާފަށް ކުރި ކަމަށް ބުނެ ކައުންސިލުން ޖޫރިމަނާ ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް ޝަފީޢާ ބުނާ ގޮތުގައި ހުއްދައަށް އެދުމުން ކައުންސިލުން ބުނެފައިވަނީ އެކަން ޓައިމްލައިނާ ދިމާނުވާ ކަމަށެވެ.

ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އެ ޕާޓީގެ ދަފްތަރުގައި 74,000 އަށްވުރެ ގިނަ މެންބަރުން މިހާރު އެބަތިއްބެވެ. މިފަދަ ބޮޑު ޕާޓީއެއްގެ މައި އޮފީހާ ގުޅޭގޮތުން ހުއްދައިގެ މައްސަލައެއް ފެންމަތިވެފައިވާއިރު، އިމާރާތުގެ ވެރިފަރާތުން ދަނީ އެންމެހާ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާނެ ކަމަށް ބުނަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close