ޚަބަރު

“ހަ މަސް ނުވެ އުޅެނިކޮށް ސްޓެލްކޯގެ އެމްޑީގެ މަގާމުން ޝަމާހު ވަކިކޮށްފި”

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ކަމަށް މީގެ ފަސް މަހެއްހާ ދުވަސް ކުރިން އައްޔަން ކުރި އަހުމަދު ޝަމާހު ރަޝީދު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ޝަމާހު އެ މަގާމުން ވަކިކުރަން ނިންމީ މިއަދުން ފެށިގެން ކަމަށެވެ. ނަމަވެސް އޭނާ ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ޝަމާހު ސްޓެލްކޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސެވީ މިދިޔަ ސެޕްޓެމްބަރު މަހު، އޭރު އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށް ފަހުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ މިފްކޯގެ އެމްޑީގެ މަގާމުގައެވެ. ނަމަވެސް މިފްކޯގައި ހުންނަވަނިކޮށް ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެ، ޕީސީބީން އެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ ސަސްޕެންޑް ވެސް ކުރިއެވެ.

މި ސަރުކާރުގައި މިފްކޯގެ ފުރަތަމަ އެމްޑީގެ ގޮތުގައި ހުންނެވި ޝަމާހު އެ މަގާމުން ވަކިކުރީ 2024 ވަނަ އަހަރުގެ މެއި މަހުއެވެ. ސްޓެލްކޯގެ އެމްޑީ ކަމުން އޭނާ މިއަދު ވަކިކުރިއިރު، މިއީ މި ސަރުކާރުގެ ކުންފުންޏެއްގެ އިސް މަގާމަކުން ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ވަކިކުރި ދެވަނަ ފަހަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close