ޚަބަރު

އިއްޒުއްދީން ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

މާލޭގައި އަލަށް ޢިމާރާތް ކުރުމަށް ސަރުކާރުން ނިންމަވާފައިވާ އާ ސްކޫލު ( ޢިއްޒުއްދީން ސްކޫލް ) އަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

ކުރީގެ އެމްއީއެސް ހުރި އިމާރާތުގައި ހަދާ މިސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވާދޭސްކޫލެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެއެވެ.

އެޑިޔުކޭޝަނުން ވިދާޅުވީ މި ސްކޫލްގައި ކިޔަވާދޭނީ ގްރޭޑް 1 އިން ގްރޭޑް 10 އަކަށްކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރު ކިޔަވާދޭން ފަށާ މި ސްކޫލްގައި އަންނަ އަހަރު ކިޔާވާދެމުން ގެންދާނީ ގްރޭޑް 1 އިން 6 ކަށެވެ. އަދި ގްރޭޑް 7 އިން ގްރޭޑް 10 އަކަށް ގްރޭޑްތައް ތައާރަފުކުރާނީ 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ގްރޭޑެއް ތައާރަފުކުރާ ގޮތަށްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި 750 ދަރިވަރުންގެ ޖާގައިގެ ސްކޫލަށް ކުރީގެ އެމްއީއެސް ހުރި އިމާރާތް ބަދަލުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ވަނީ 20.2 މިލިޔަން ރުފިޔާ ބަޖެޓްކޮށްފައެވެ.

މި އަދަދުން މިހާރު ހުރި އިމާރާތް އިތުރަށް މަރާމާތުކޮށް ކިޔަވައިދިނުމުގެ ވަޞީލަތްތައްތައް ޤާއިމްކޮށް ޓީޗަރުން ނެގުމަށްވަނީ ހަމަޖެހިފައެވެ. ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި އެންމެ ފަހުން ހިންގަމުން އައީ ޤައުމީ ޔުނިވަރސިޓީގެ ބައެއް ފެކަލްޓީތަކުގެ ކޯސްތަކެކެވެ.

ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި މިހާރުވެސް ވަނީ ދެ ސްކޫލެއް އެޅުމަށް ނިންމާފައެވެ. އެއީ ވިލާކޮލެޖް ކުރިމަތީގައި އޮންނަ ހުސްބިމުގައި އެޅުމަށް ނިންމާފައިވާ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ ސްކޫލެވެ. އެގޮތުން ދަރުމަވަންތަ ސްކޫލް އެޅުމަށް 65 މިލިޔަން ރުފިޔާ އަދި ހުޅުމާލޭގައި އިމާރާތްކުރާ ސްކޫލަށް 54 މިލިޔަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައެވެ.

މީގެ އިތުރުން ދަރުމަވަންތައް ސްކޫލް މިހާރު ހިގަމުންދާ އިމާރާތްވެސް އެއް ދަންފަޅިއަށް ކިޔަވާދޭ ސްކޫލަކަށް ހެދުމަށް ވަނީ ނިންމާފައެވެ. އެ އިމާރާތައް ބަދަލުވެގެންދާނީ މަޖީދިއްޔާ ސްކޫލްގެ އެއް ދަންފަޅިއަށް ކިޔަވާދޭ ކްލާސްރޫމްތަކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close