ތާރީޚީ މޮޅަކާއެކު ބާސެލޯނާ ސުޕަ ކަޕްގެ ފައިނަލަށް

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި އެތުލެޓިކް ބިލްބާއޯ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، ބާސެލޯނާ އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ބާސެލޯނާ އިން ވަނީ ހަތަރު ލަނޑު ޖަހައި، ސުޕަ ކަޕްގެ ސެމީ ފައިނަލެއްގެ ފުރަތަމަ ހާފުގައި މިހާ ގިނަ ލަނޑު ޖެހި ފުރަތަމަ ޓީމުގެ ޝަރަފު ހޯދާފަ އެވެ.
މި މެޗުގައި ބާސެލޯނާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭޒް، ފާމިން ލޮޕޭޒް، ރޫނީ ބާދްގީ އަދި ދެ ލަނޑު ޖެހި ރަފީނިއާ އެވެ. މުޅި މެޗުގައިވެސް ބާސެލޯނާގެ ފަރާތުން ފެނުނީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. ވަކިން ހާއްސަކޮށް ފާމިން ލޮޕޭޒް އާއި ބާދްގީ ވަނީ ލަނޑު ޖެހުމުގެ އިތުރުން އެހެން ކުޅުންތެރިންނަށް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނާނެ ޓީމެއް ކަނޑައެޅޭނީ މާދަމާރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ ސެމީ ފައިނަލް މެޗުންނެވެ. ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަނުން ނިންމާފައިވާ ގޮތުން 2029 ވަނަ އަހަރުގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާނީ ސައުދީ އަރަބިއްޔާގަ އެވެ.



