ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބުގައި 294,937 ލައްކަ މީހުނަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ: އީސީ

މިއަހަރުގެ އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294,937 މީހަކަށް ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އީސީން ބުނިގޮތުގައި މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. މިހާރު ވޯޓާސް ލިސްޓު އާންމުކޮށްފައިވާއިރު، އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން އަދި 1414 އަށް އެސްއެމްއެސް ކޮށްގެން ލިސްޓުގައި ރަޖިސްޓްރީވެފައިވާ ތަން ބަލާލެވޭނެއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވާ އާދީއްތަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހަޅަންވާނީ އީސީގެ “މައި ޕޯޓަލް” މެދުވެރިކޮށް، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމަކާއެކުގައެވެ. އަދި ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅާނީ އެ ފަރާތްތަކަށް ހާއްސަކޮށްފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އީސީން ބުނެފައިވެއެވެ.

މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ސިޓީތަކަށް ބަލާއިރު އެންމެ ގިނަ ކައުންސިލަރުން އިންތިހާބު ކުރަނީ މާލެ ސިޓީއަށެވެ. އެއީ މޭޔަރާއެކު 18 ކައުންސިލަރުންނެވެ. މީގެ އިތުރުން އައްޑޫ ސިޓީއަށް 11، ފުވައްމުލައް ސިޓީއަށް 9، އަދި ތިނަދޫ އާއި ކުޅުދުއްފުށި ސިޓީއަށް ކޮންމެ ސިޓީއަކުން 7 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close