ޓްރާންސްފާރގެ މުއްދަތު ހަމަވުމުގެ ކުރިން ވަރުގަދަ ޓްރާންސްފާތަކެއް
މިމަހުގެ ނިޔަލަށް މިފަހަރުގެ ޓްރާންސްފާ ބަންދުވެގެންދާއިރު މި ޓްރާންސްފާ ވެގެންދާނީ މިފަހަކަށް އައިސް ފުޓްބޯޅައިގައި އެންމެ ވަރުގަދަ ޓްރާންސްފާތަކެއް ނިމިގެންދާ ޓްރާންސްފާ އެއްގެ ގޮތުގައެވެ.
މިގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ޤަބޫލުކުރާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި މިހާތަނަށް އެންމެބޮޑު ކާމިޔާބީތަކެއް ހޯދި ބާސާ ދޫކޮށް ފުރާންސްގެ މުއްސަދި ކުލަބު ޕީއެސްޖީއަށް ބަދަލުވި ބަދަލުވުމާއި އަދި މެސީ އާއި އެކު ވޭތުވެ މިދިޔަ ދ ފަނަރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގެ ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަން ކުރަމުން ގެންދިޔަ ޕޯޗްގަލްގެ ތަރި ކުރިސްޓީއާނޯ ރޮނަލްޑޯ އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާރ ޔުނައިޓޭޑަށް ބަދަލުވާ ބަދަލުވުން ފާހަގަ ކޮށްލެވެއެވެ.
މެސީގެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިމި މިއަންނަ އާދިއްތަ ދުވަހު ޕީއެސްޖީއަށް ފުރަތަމަ މެޗް ކުޅެދެން ނިންމާފައިވާ އިރު ރޮނަލްޑޯގެ ޓްރާންސްފާގެ ޚަބަރަކީ މިއަދު ފުޓްބޯޅައިގެ އެންމެ ހިނގާ ޚަބަރެވެ. ޓްރާންސްފާގެ އެންމެ ފަހުގެ ޙަބަރުތައް ލިބޭ ގޮތުގައި މި ސީޒަން ފެށިއިރުވެސް ޔުވެންޓަސް ދޫކޮށްލާނެ ކަމަށް ބެލެވުނު ރޮނަލްޑޯ މިހާރުވަނީ އޭނާގެ ކުރީގެ ކުލަބުކަމަށްވާ އިނގިރޭސި ވިލާތުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ ކުލަބުކަމަށްވާ މެންޗެސްޓާރ ޔުނައިޓޭޑަށް ބަދަލުވުމަށް ހުރިހާކަމެއް ނިމިފައެވެ.
ރޮނަލްޑޯ މެންޔޫއަށް ބަދަލުވަނީ ކިހާވަރެއްގެ މުސާރައަށްކަން އަދި މުޅިން ފައިނަލް ނުވި ނަމަވެސް ކުރިއަށް މިއޮތް ވަގުތު ތަކުގައި އޭނާ މެންޔޫގެ މެޑިކަލް ފުރިހަމަކޮށް ރަސްމީކޮށް މެންޔޫގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާނެކަމަށް ޓްރާނސްފާ ޚަބަރުތައް ގެނެސްދޭ ބޭރުގެ މަސްދަރުތަކުން މަޢުލޫމާތު ދެއެވެ.


