މާމިގިލީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހަތް އަހަރު ފަހުން އަލުން ފަށައިފި

އދ. މާމިގިލީގެ މަގުތަކުގައި ޒަމާނީ ފެންވަރަށް ތާރު އެޅުމުގެ މަސައްކަތް، މީގެ ހަތް އަހަރު ކުރިން ފަށައި ހުއްޓިފައި އޮތުމަށްފަހު، މިއަދު އަލުން ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މާމިގިލީގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2018 ވަނަ އަހަރުގައެވެ. ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ފެށުނު މި މަސައްކަތް އެންމެ މަގެއް ވެސް ނުނިންމައި، ވަކި ހިސާބަކުން ހުއްޓި، އެ ރަށު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
މިދިޔަ ސަރުކާރުން 2020 ވަނަ އަހަރު 95 މިލިއަން ރުފިޔާއަށް މި މަސައްކަތް ދެ އަހަރުން ނިންމާ ގޮތަށް އާރުޑީސީއާ ހަވާލުކުރި ނަމަވެސް، އެ މަސައްކަތް ވެސް ކުރިއަކަށް ނުދެއެވެ. މިހާރު މަގުތަކުގައި ޕޭވްމަންޓް ހަދައިފައި ހުރި ނަމަވެސް، މަގުގެ މެދުގައި ހުރީ ހުސް ހިލަވެއްޔެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މާމިގިއްޔަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އެ ރަށު މަގުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ނިމުމެއް ގެނެސް، މަގުތައް ނިންމައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. މި މަސައްކަތް ފެށިފައި މިވަނީ އެ ޔަގީންކަން ދެއްވިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.
ހައުސިން މިނިސްޓްރީން ބުނީ، މާމިގިލީގެ މަގުތަކުގައި ޒަމާނީ ފެންވަރަށް ތާރު އެޅުމުގެ މަސައްކަތް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ކަމަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޑީސީ (ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން) އާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

