ލަންދޫ ބަނދަރުގެ ކަނޑިންމަ ފުންކުރުމުގެ މަސައްކަތް ފަށައިފި
ނ.ލަންދޫ ބަނދަރުގެ ކަނޑިންމަ މައްޗަށް އަރާފައިވާ ވެލިގަނޑު ނެގުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.
އެމްޓީސީސީގެ ޓީމެއް އެމަސައަކަތް ކުރުމަށްޓަކައި ލަންދުއަށް ގޮސް އިއްޔެ މަސައްކަތް ފަށާފައިވާއިރު ކަނޑިންމަ މައްޗަށް އެޅިފައިވާ ވެލިތަކުގެ ބޮޑުބައެއް މިހާރުވަނީ ނަގާ ބަނދަރުގެ ވާޓަރު ކައިރިއަށް އަރުވާފައެވެ.
ލަންދޫ ކައުންސިލުން ބުނީ ބަނދަރުން ނަގާ ވެލިތައް ގެންދަން ބޭނުންވާ ފަރާތްތަކަށް ވެލިދޫކުރަން ފަށާފައިވާކަމަށެވެ. އެގޮތުން އެރަށުގެ ގިނަބަޔަކު ވަނީ ވެލިގެންދަން ފަށާފައެވެ.

ލަންދޫއަކީ މަސްވެރިކަމާ މުދާ އުފުލުމުގެ މަސައްކަތް ކުރާ އޮޑިފަހަރު ގިނަ ރަށަކަށްވާއިރު ކަނޑިންމަ މަތި މާބޮޑަށް ތިލަވެގެން ފުންކުރާތާ މިއީ ދެވަނަ ފަހަރުކަމަށް ލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
ލަންދޫ ކައުންސިލުންބުނީ ކޮވިޑްގެ ސަބަބުން ދަތުރުފަތުރަށް ބުރާއަރާފައި އޮތް އޮތުން ނިމުމަކަށްއައިސް ހަމައަކަށް އެޅޭހާ އަވަހަކަށް ނުވަތަ އާންމު ދަތުރުތައް ފެށުމުން ލަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް ފެށޭނެ ކަމުގެ ޔަގީންކަން MTCC އިން ދީފައިވާ ކަމަށެވެ.

