ރައީސް ޔާމީން މޭކަރަންޖެހޭ ވަރުގެ ސިޔާސީ މީހަކު ނުހުންނާނެ – އާދަމް ޝަރީފް
ކުރީގެ ރައިސް ޢަބްދުﷲ ޔާމީން މޭކަރަންޖެހޭ ވަރުގެ ސިޔާސީ މީހަކު ރާއްޖޭގައި ނުހުންނާނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ، ނާޒިމަށް ރައްދެއް މިދެއްވީ، ރައީސް ޔާމީނަކީ ކަންނެތް ވެރިއެއް ކަމަށާއި، އެމަނިކުފާނުގެ އަރިސް ބޭފުޅުން “މޭކަރާ” ގޮތްވީ މުރާލި މަސައްކަތްތަކެއް ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ނާޒިމް ކުރެއްވުމުން ކަމަށް ވިދާޅުވެ ވާހަކަ ފުޅު ދެއްކެވުމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ ސިޔާސީ ގިނަ ލީޑަރުން އުފެއްދި ހަރުދަނާ ވެރިއެއްކަމަށެވެ. ރައީސް ޔާމީން މޭކަރަންޖެހޭވަރުގެ ސިޔާސީ މީހަކު، ޕާޓީއެއްގެ ވެރިޔަކު ރާއްޖެއަކު ނުހުންނާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މަސައްކަތް ޑެލިގޭޓް ކުރުމަކީ ޓްރާންސްފޯރމޭޝަނަލް ލީޑާޝިޕް ކޮލިޓީސް ހުންނަ ހިންގުންތެރި ވެރިންގެ ޚާއްޞަ ހުނަރެއް. ރައިސް ޔާމީނަކީ ސިޔާސީ ގިނަ ލީޑަރުން އުފެއްދި ހަރުދަނާ ވެރިޔެއް. ރައީސް ޔާމީން މޭކަރަންޖެހޭވަރުގެ ސިޔާސީ މީހަކު، ޕާޓީއެއްގެ ވެރިޔަކު ރާއްޖެއަކު ނުހުންނާނެ!
– އާދަމް ޝަރީފް ޢުމަރު
އޮންލައިން ނޫސް “އަވަސް”އަށް ނާޒިމް ދެއްވި އިންޓަރވިއުއެއްގައި ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި އޭނާއަށް ގިނަ މަސައްކަތްތަކެއް ހަވާލު ކުރައްވާފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓަރު ކަމުގެ އިތުރުން ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހަވާލު ކުރެއްވުމުން އޭނާ ކުރައްވާ ގިނަ މަސައްކަތްތައް ފާހަގަކުރެވެމުން ދިޔަ ކަމަށެވެ.
ނާޒިމް ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ކަންނެތް ބޭފުޅެއް ކަމަށާއި މާ ގިނަ މަސައްކަތް ކުރައްވާ އުޅުއްވި ބޭފުޅެއް ނޫން ކަމަށެވެ. އެހެންވެގެން، ރައީސް އަރިހުގައި ތިއްބެވި ބޭފުޅުން ވިސްނައިދެއްވީ 2018 ގައި ޔާމީނަށް އޮތް ބިރަކަށް އޭނާ ވެދާނެ ކަމުގައެވެ.



