ޚަބަރު

ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ ދައުރުން ބޭރުން ބާއްވާ މަޖިލިސް ޖަލްސާތައް އެމްޑީޕީން ބޮއިކޮޓްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދައުރުގައި ދައުރުން ބޭރުން ބާއްވަމުންދާ ޖަލްސާތަކަކީ ގާނޫނުއަސާސީއާ ޚިލާފު ޖަލްސާތަކެއް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕާލިމެންޓްރީ ގްރޫޕުން އެ ޖަލްސާތައް ބޮއިކޮޓްކުރުމަށް ނިންމައިފި އެވެ. އިއްޔެ ފެށި މި ޖަލްސާތަކުގައި، ގާނޫނު އަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާ ޚިލާފަށް އަމަލުކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު، މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވީ، މަޖިލީހުން މިހާރު ބާއްވަމުންދާ ޖަލްސާތަކަކީ ގާނޫނުއަސާސީއާ ޚިލާފަށް ކުރިއަށް ގެންދާ ޖަލްސާތަކެއް ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، ދައުރުން ބޭރުގައި ބާއްވަމުންދާ މި ޖަލްސާތަކާ ދެކޮޅު ހެދުމުގެ ގޮތުން އެ ޖަލްސާތައް ބޮއިކޮޓްކުރުމަށް ވަނީ ނިންމާފައެވެ.

މެންބަރު ކުޑޫ އިތުރަށް ވިދާޅުވީ، މަޖިލިސް ޗުއްޓީގައި އޮއްވައި، އެކަށީގެންވާ ވަގުތު ނޯޓިސް ނުދީ، ދައުރުން ބޭރު ޖަލްސާތައް ބާއްވަނީ ގާނޫނު އަސާސީއަށް ގެންނަން އުޅޭ އިސްލާހުތައް އަވަހަށް ފާސްކުރުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިއީ ގާނޫނުއަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށާއި، ރައްޔިތުން ތަމްސީލު ކުރުމަށް ލިބިފައިވާ ހައްގަށް ހުރަސް އެޅޭ ގޮތަށް މަޖިލީހުން އަމަލުކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވަން ނިންމާފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ގާނޫނު އަސާސީ އިސްލާހުކުރުމާއި، ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމާއި، އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސަކަށް ބޭފުޅަކު އައްޔަންކުރުމުގެ މައްސަލަ ނިންމުމަށް ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. މި ހަފްތާގެ ނިޔަލަށް ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

މަޖިލީސް ޗުއްޓީގައި އޮއްވާ އިއްޔެ ފެށުނު ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައިގެން، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. އެހެންނަމަވެސް، މިހާރު ޕާޓީގެ ރަސްމީ ނިންމުމަކީ ޖަލްސާތައް ބޮއިކޮޓްކުރުން ކަމަށް ވަނީ ހާމަވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close