ޚަބަރު

ކުޅުދުއްފުށި ހޮސްޕިޓަލުން އަންނަ މަހު އާ ދެ ހިދުމަތެއް ދޭންފަށާނެ: މިނިސްޓަރ ނާޒިމް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެސްޓްރޮލޮޖީ އާއި ޕީޑިއަޓްރިކް ނިއުރޮލޮޖީގެ ހިދުމަތް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ މިއީ އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިއްމު ބައެއް ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް ކުޅުދުއްފުށި ހޮސްޕިޓަލަށް ވަނީ ނާރުގެ ބަލިތަކާއި، ހިތުގެ ބަލިތަކުގެ އިތުރުން ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާދޭ ހާއްސަ ހިދުމަތްތައް ތައާރަފްކޮށްފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި އެކި ދާއިރާތަކުން އިތުރު ސްޕެޝަލިސްޓުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ވަރަށް ބާރުލައި ކުރިއަށެވެ.

ކުރިއަށް އޮތް ތަނުގައި އެ ހޮސްޕިޓަލުގައި ފުލް ފްލެޖް އެމަޖެންސީ ޔުނިޓެއް ގާއިމުކުރުމާއި، ޑަޔަލަސިސް ހިދުމަތް ފުޅާކުރުމާއި، އެންޑޯސްކޯޕީ އަދި ކޮލޮނޮސްކޯޕީ ފަދަ މުހިއްމު ހިދުމަތްތައް ފެށުމަށް ވަނީ ރޭވިފައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ދަމަނަވެށީގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން މިނިސްޓަރު ނާޒިމް ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close