މުނިފޫހި

ވިލް ސްމިތްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފި

މަޝްހޫރު ހޮލީވުޑް އެކްޓަރު އަދި ލަވަކިޔުންތެރިޔާ ވިލް ސްމިތް އާއި އޭނާގެ މެނޭޖްމަންޓް ކުންފުންޏާ ދެކޮޅަށް، އޭނާގެ މިއުޒިކް ޓުއަރއެއްގައި މަސައްކަތްކުރި ވައިލިނިސްޓެއް ކަމަށްވާ ބްރަޔަން ކިންގް ޖޯސެފް ޖިންސީ ފުރައްސާރައިގެ ދައުވާ ކޮށްފިއެވެ.

“ވެރައިޓީ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލަ ކޯޓަށް ހުށަހަޅަމުން ބްރަޔަން ބުނެފައިވަނީ، ވިލް ސްމިތް އޭނާއަށް ޖިންސީ ފުރައްސާރަކޮށް، ނުހައްގުން ވަޒީފާއިން ވަކިކޮށް، އަދި ބަދަލުހިފުމުގެ އަމަލުތައް ހިންގާފައިވާ ކަމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސްމިތް ވަނީ ޖިންސީ އެދުންވެރިކަން ހާސިލުކުރުމަށް ރާވައިގެން ނުވަތަ “ޕްރެޑެޓަރީ” އަމަލުތަކެއް ހިންގާފައި ކަމަށެވެ. އަދި ބްރަޔަންއާ މެދު ޚާއްސަ ގުޅުމެއް އޮތްކަން ދެއްކުމަށް ސްމިތް މަސައްކަތްކޮށް، ޖިންސީ ގޮތުން އޭނާގެ ބޭނުން ހިފުމަށް މަގުފަހިވާގޮތަށް ކަންތައްތައް ކޮށްފައިވާކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

މިކަން ހިނގާފައިވަނީ 2025 ވަނަ އަހަރު އޮތް ސްމިތްގެ ޓުއަރއެއްގެ ތެރެއިން ލަސް ވެގަސްގައެވެ. ބްރަޔަން ބުނާގޮތުން އޭނާގެ ހޮޓެލް ކޮޓަރިއަށް މީހަކު ވަދެ، އެތަނުގައި ނުބައި މާނައެއް ދޭހަވާ ފަދަ ނޯޓަކާއި، އެހެނިހެން ތަކެތި ބަހައްޓާފައި ހުއްޓެވެ. މިއީ ޖިންސީ ގޯނާއެއް ކުރުމަށް ދިން އިންޒާރެއް ކަމަށް ބްރަޔަން ސިފަކޮށްފައިވެއެވެ.

މި ހާދިސާ ހޮޓެލްގެ ސެކިއުރިޓީއަށާއި ސްމިތްގެ ޓީމަށް ރިޕޯޓު ކުރުމުން، އެކަން އޮޅުވާލިކަމަށް ބުނެ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ބްރަޔަން ވަނީ ޓުއަރ އިން ވަކިކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ވިލް ސްމިތްގެ ގާނޫނީ ވަކީލު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސްމިތްގެ ނަން ކިލަނބު ކުރުމަށް ދައްކާ މިފަދަ ވާހަކަތައް ދިފާއުކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

ބްރަޔަން ކިންގް ޖޯސެފް އަކީ “އެމެރިކާސް ގޮޓް ޓެލެންޓް” އިން ވެސް ފެނިގެންގޮސްފައިވާ ހުނަރުވެރި ވައިލިނިސްޓެކެވެ. އޭނާ މި މައްސަލައިގައި އެދިފައިވަނީ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close