ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔާ ސަންގްރިއްލާ އަލުން ހުޅުވައިފި

އައްޑޫ ސިޓީގައި ހިންގަމުން އައި ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ، ގިނަ ދުވަސްތަކަކަށްފަހު މިއަދު އަލުން ހުޅުވައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ރިސޯޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި މި ރިސޯޓު އަލުން ހުޅުވުމަކީ، 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެކެވެ. ރައީސް މިދިޔަ މި މަހުގެ ކުރީކޮޅު އައްޑުއަށް ކުރެއްވި ދަތުރުގައި ވަނީ ޝަންގްރިއްލާ ރިސޯޓުގެ ތައްޔާރީތައް ބައްލަވާލައްވާފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ގާތްގަނޑަކަށް ފަސް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ، 2008 ވަނަ އަހަރު ހުޅުވި މި ރިސޯޓަކީ 284 އެނދުގެ ބޮޑު ރިސޯޓެކެވެ. މި ރިސޯޓުގައި 60 ވޯޓާ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، އަދި 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަލް ވިލާ ހިމެނެއެވެ.

