ހެއިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ގޭންގް މެމްބަރުން މަރާލައިފި

މި އޮޕަރޭޝަނާ ގުޅޭގޮތުން ހެއިޓީގެ އޮފިޝަލުން އަދި ރަސްމީ ބަޔާނެއް ދީފައެއް ނުވެއެވެ. ނަމަވެސް، އިންސާނީ ހައްގުތައް ދިފާއުކުރާ ގައުމީ ޖަމިއްޔާ (ނެޝަނަލް ނެޓްވޯކް ފޯ ދި ޑިފެންސް އޮފް ހިއުމަން ރައިޓްސް) އިން ވަނީ ފުލުހުން މިފަދަ ފިޔަވަޅެއް އަޅާފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދިވެސް ފުލުހުން އެކި ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހެއިޓީއަށް ވަނީ ވަރަށް ނާޒުކު ސީރިޔަސް ހާލަތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، ގައުމުގެ ބޮޑެތި ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ ހަތިޔާރުއެޅި ގޭންގުތަކުންނެވެ.
އދ. ގެ ހެއިޓީގައި ހުންނަ އޮފީހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނިވެސް މިފަދަ ހާދިސާތަކުގައި 1,617 މީހުން މަރުވެ، 580 މީހުންނަށް އަނިޔާވެފައިވެއެވެ.
އދ. އިން ބުނީ މި މަރުތަކަކީ ހަތިޔާރުއެޅި ގޭންގުތަކާއި، އަމިއްލައަށް ދިފާއުވާން އުފައްދާފައިވާ ގްރޫޕްތަކާއި، އާންމު ރައްޔިތުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގާ ހަމަނުޖެހުންތަކުގެ ނަތީޖާ ކަމަށެވެ.
ހެއިޓީއަަށް މިހާރު ކުރިމަތިވެފައިވާ ސަލާމަތީ އަދި ސިޔާސީ ނާޒުކު ހާލަތަކީ، 2021 ވަނަ އަހަރު އެގައުމުގެ ރައީސް ޖޮވެނަލް މޮއީޒް އަވަހާރަކޮށްލުމާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކެކެވެ.
މި ހާދިސާއާ އެކު އުފެދުނު ސިޔާސީ ހުސްކަމުގެ ފައިދާ ނަގައި، ހަތިޔާރުއެޅި ވަރުގަދަ ގޭންގުތަކުން (މިސާލަކަށް ޖިމީ “ބާބަކިއު” ޝެރިޒިއޭ އިސްވެ ހުންނަ “ޖީ9” ގެ ނަމުން މަޝްހޫރުވެފައިވާ ގޭންގު) ވަނީ ވެރިރަށް ޕޯޓް-އޯ-ޕްރިންސްގެ ބޮޑު ބައެއްގެ ކޮންޓްރޯލް ނަގާފައެވެ.
މި ގޭންގުތަކުން ދަނީ ގައުމުގެ މުހިންމު ބިނާތަކާއި ވަސީލަތްތައް، އެގޮތުން މައި ބަނދަރާއި ތެޔޮ ޓާމިނަލްތައް ފަދަ ތަންތަން ކޮންޓްރޯލްކޮށް، އިގްތިސާދު ހުއްޓުމަކަށް ގެނުވަމުންނެވެ. މީގެ ސަބަބުން ކާބޯތަކެއްޗާއި، ބޭހާއި، ފެނުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ގޭންގު ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށްފައިދާން މަޖުބޫރުވެފައިވާއިރު، ސަރުކާރުގެ މުއައްސަސާތައް ވަނީ އެކީގައިހެން ހުއްޓުމަކަށް އައިސްފައެވެ.
ފުލުހުންގެ މި އޮޕަރޭޝަން މި ހިންގީ، ހެއިޓީގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ވަގުތީ ސަރުކާރެއް އެކުލަވާލައި، އަދި ކެންޔާއިން އިސްވެ އިންޓަނޭޝަނަލް ސަލާމަތީ ފޯހެއް އެ ގައުމަށް ފޮނުވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
