ޚަބަރު

ހާދީގެ މަރާއެކު ބަންގްލަދޭޝް ހޫނުވެ ނޫސް އިދާރާތަކުގައި ރޯކޮށްލައިފި

ބަންގްލަދޭޝްގެ ޑިމޮކްރަސީ ހަރަކާތުގެ އިސް ލީޑަރެއް ކަމަށްވާ ޝަރީފް އުސްމާން ހާދީ މަރުވުމާ ގުޅިގެން، އެގައުމުގައި މުޒާހަރާތައް ވަރުގަދަވެ މަސްރަހު ހޫނުވެއްޖެއެވެ.

އުމުރުން 32 އަހަރުގެ ހާދީ މަރުވެފައިވަނީ، މިދިޔަ ހަފްތާގައި ޑާކާގެ މިސްކިތަކުން ނުކުންނަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ދިން ބަޑީގެ ހަމަލާއަކަށް ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހާދީއަކީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ދަރިވަރުންގެ ލީޑަރެކެވެ.
ހާދީގެ މަރުގެ ޚަބަރާއެކު އާންމުންގެ ރުޅިވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން ބުރާސްފަތި ދުވަހުގެ ރޭ މުޒާހަރާގެ ބައިވެރިން ވަނީ އިންޑިއާއަށް ތާއީދުކުރާ ކަމަށް ތުހުމަތުކުރެވޭ މީޑިއާ އޮފީސްތަކެއްގައި ރޯކޮށްލާފައެވެ. މީގެ ތެރޭގައި މަޝްހޫރު ނޫސްތައް ކަމަށްވާ “ޕްރޮތޮމް އާލޯ” އަދި “ދަ ޑެއިލީ ސްޓާ” ގެ އޮފީސްތައް ހިމެނެއެވެ. މި ނޫސްތަކަކީ ވެރިކަމުން ދުރުކުރެވުނު ޝައިޚް ހަސީނާގެ ސަރުކާރާ ގާތް ގުޅުމެއް އޮތް އަދި އިންޑިއާގެ މަސްލަހަތަށް މަސައްކަތްކުރާ ތަންތަން ކަމަށް މުޒާހަރާކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ.
މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ ހާދީ މަރާލި މީހުން ވަގުތުން ހައްޔަރުކޮށް އިންސާފު ގާއިމުކޮށްދިނުމަށެވެ. މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ސާޖިދު އަލް އަދީބް އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހަމަލާދިން މީހުން މިވަގުތު ތިބީ އިންޑިއާގައި ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ވެރިޔާ، ނޮބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސް ވަނީ މީޑިއާ އިދާރާތަކަށް ދިން ހަމަލާތައް ކުށްވެރިކުރައްވާފައެވެ. އަދި މިއީ ގައުމު ޑިމޮކްރަސީއަށް ކުރަމުންދާ ތާރީޚީ ދަތުރު ހުއްޓުވުމަށް، ހަމަނުޖެހުން އުފައްދަން ބޭނުންވާ މަދު ބަޔަކު ކުރަމުންދާ ކަންތައްތަކެއް ކަމަށް ސިފަކުރައްވާ، އެކަމަށް ފުރުސަތު ނުދިނުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ.

ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވެރިކަމުން ދުރުކުރުމާއެކު، ފިއްލަވައިގެން ވަޑައިގެން މިވަގުތު ހުންނެވީ އިންޑިއާގައެވެ. ދާދިފަހުން ބަންގްލަދޭޝްގެ ކޯޓަކުން ވަނީ، ދަރިވަރުންގެ މުޒާހަރާތަކާ ދެކޮޅަށް ހިންގި ގަތުލުއާންމުތަކާ ގުޅިގެން ޝައިޚް ހަސީނާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.

ހާދީއަކީ “އިންގިލާބް މޮންޗޯ” ކިޔާ ދަރިވަރުންގެ ގްރޫޕެއްގެ ލީޑަރެކެވެ. އަދި އޭނާ ވަނީ 2026 ވަނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަކުރައްވަން ވެސް ނިންމަވާފައެވެ. ފުލުހުން މިހާރު ދަނީ އޭނާގެ ގާތިލުން ހޯދުމަށް ފޮޓޯ އާންމުކޮށް، މައުލޫމާތު ދޭ ފަރާތަކަށް ފައިސާގެ އިނާމު ހުށަހަޅައި، ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close