ޚަބަރު

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019- 23 އޮކްޓޯބަރ ގައި

ދިރާގުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހު ހެންވޭރު ދަނޑުގައިއެވެ. 

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލް އެވެ.

އެންމެ 17 ކުދިންނާއެކު ފެށި މި ފެސްޓިވަލް ފުޅާވަމުންގޮސް މިއަހަރުގެ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި 400 އަށް ވުރެ ގިނަ ކުދިން ބައިވެރިވި އެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރާނެ ކުދިންތަކެއް ބިނާ ކޮށް ތަމްރީނު ކުރުމަކީ މި ފެސްޓިވަލްގެ އެއް އަމާޒެވެ. އެގޮތުން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވަމުން އަންނަ ކުދިން  މިއަހަރު ސްޕެޝަލް އޮލިމްޕިކްސް ގެ ބައިނަލްއަގުވާމީ އިވެންޓްތަކުގައި ރާއްޖެ ތަމްސީލްކޮށް ފަހުރުވެރި ވަނަތައް ހޯދަމުން ދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

މުޖުތަމަޢުއިން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާކީ ނުކޮށް، އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ،  ކުޅިވަރުގެ ރޫހު ކުދިންގެ ކިބައިގައި އަށަގަނެވި މި ފަދަ އިވެންޓްތަކަށް ތައްޔާރު ވުމަށް އެހީތެރިވެވޭނެ ޕްލެޓްފޯމެއް ގާއިމު ކޮށްދިނުމަކީ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2011 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެންމެ މުހިންމު މަގުސަދެވެ.

މި ފެސްޓިވަލްގައި ބޯލް ރޯލިން، އޮބްސްޓަކަލް ރޭސް، ޓަނަލް ރޭސް އަދި ހެޕީ ފީޓް ރޭސް ފަދަ ފޯރިގަދަ ކުޅިވަރުތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން މިއަހަރުގެ ފެސްޓިވަލް އެންމެ ހާއްސަ ވެގެންދާ އެއްކަމަކީ މިއަހަރުގެ ފެސްޓިވަލްގައި ސެޕެޝަލް އޮލިމްޕިކްސްގައި ކުޅޭ ކުޅިވަރެއް ކަމަށްވާ “ބޮޝީ ނަމަކަށް ކިޔާ ހައްސަ ކުޅިވަރެއްވެސް ތަޢާރަފް ވެގެން ދާނެކަމެވެ.

މިދިޔަ އަހަރުވެސް ދިރާގު ސެޕަޝަލް ސްޕޯރޓްސް ފެސްޓިވަލުގައި ޕެރަލިމްޕިކްސްގައި ކުޅޭ “ބޮޗިއާ” ނަމަކަށް ކިޔޭ ސީޕީ ކުދިންނަށް ހާއްސަ ކުޅިވަރެއްވެސް ވަނީ ތަޢާރަފް ކޮށްފައިއެވެ. މި ކަމުގެ ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށެވެ.

މިއަހަރު ވެސް ވާދަވެރި ދުވުމުގެ މުބާރާތްވެސް ވަނީ ބާއްވާފައިއެވެ. މި ކޮމްޕެޓޭޓިވް ސްޕޯޓްސްގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި، އަދި އެހެން ކުދިންނެކޭ އެއްގޮތަށް ނުކުޅެދޭ ކުދިންނަށްވެސް މިފަދަ ސްޕޯޓްސްތަކުގައި ބައިވެރިވޭކަން ކުދިންނަށްވެސް އެގިގެންދާ

ސްކޫލްތަކާއި އެންޖީއޯ ތަކަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގައި މިއަހަރުގެ ފެސްޓިވަލްގައި 4 އެންޖީއޯ އަދި 14 ސްކޫލުން ބައިވެރިވިއެވެ. އެއީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕިޒިކަލް ޑިސްއޭބަލްސް، ބިއުޓިފުލް އައިސް  ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއެވެ. ސްކޫލް ތަކުގެ ތެރޭގައި ހިމެނެނީ، އަމީރު އަހުމަދު ސްކޫލް، ކަލާފާން ސްކޫލް، އިމާދުއްދީން ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް ، މުހިޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، މާފަންނު މަދަރަސާ، ގަލޮޅު ސްކޫލް، ހުރަވީ ސްކޫލް ތާޖުއްދީން ސްކޫލް އަދި އިސްކަންދަރު ސްކޫލް ގެ އިތުރުން ޖަމާލުއްދީން ސްކޫލެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close