ބޭރުދުނިޔެ

ކޮވިޑަށްވުރެ ނުރައްކާތެރި ބަލިމަޑުކަމަކަށް ދޫނި ރޯގާ ވެދާނެ: ރިޕޯޓް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ދޫނި ރޯގާ ނުވަތަ ‘ބާޑް ފްލޫ’ ގެ ވައިރަސް، އިންސާނުންގެ މެދުގައި ހަލުވިކަމާއެކު ފެތުރޭ ގޮތަށް ބަދަލުވެއްޖެނަމަ، އެކަން ވެގެންދާނީ “ކޮވިޑް-19 އަށްވުރެ ނުރައްކާތެރި ބޮޑު ބަލިމަޑުކަމަކަށް” ކަމުގައި ފްރާންސްގެ މަޝްހޫރު ސައިންސް އިދާރާ، އިންސްޓިޓިއުޓް ޕާސްޗަރއިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އެ އިންސްޓިޓިއުޓްގެ ނޭވާލާ ނިޒާމުގެ ބަލިތަކާ ބެހޭ މަރުކަޒުގެ މެޑިކަލް ޑިރެކްޓަރު ޑރ. މާރީ-އާން ރަމެއިކްސް-ވެލްޓީ ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ދޫނި ރޯގާގެ ވައިރަސް (އެޗް5އެން1) އަކީ ކޮވިޑް ޖައްސާ ވައިރަހާ ޚިލާފަށް އިންސާނުންގެ ހަށިގަނޑުގައި އެއާ ދެކޮޅަށް އެއްވެސް ވަރެއްގެ ދިފާއީ ބާރެއް (އިމިއުނިޓީ) ނެތް ވައިރަހެއް ކަމަށެވެ. އަދި ކޮވިޑް މައިގަނޑު ގޮތެއްގައި ނުރައްކާވީ އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ކަމުގައި ވިޔަސް، އިންފްލުއެންޒާ ވައިރަސްތަކަކީ ސިއްހަތު ރަނގަޅު ޒުވާނުންނާއި ކުޑަކުދިންގެ ފުރާނައަށް ވެސް ނުރައްކާ ކުރުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ވައިރަހާ މެދު ސައިންސްވެރިންގެ ކަންބޮޑުވުން އިތުރުވެފައިވަނީ، ދޫނިތަކުގެ އިތުރުން ގެރި ބަކަރި ފަދަ ކިރު އުފައްދައިދޭ ޖަނަވާރުންގެ މެދުގައި މި ބަލި ފެތުރެމުންދާތީއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ގެރިތަކަށާއި، ކަނޑުގެ ޖަނަވާރުން ކަމަށްވާ ސީލް އަދި މިންކް ފަދަ ތަކެއްޗަށް ވެސް މި ވައިރަސް ވަނީ ޖެހިފައެވެ. ޖަނަވާރުންގެ މެދުގައި ވައިރަސް ދައުރުވުމަކީ، އެ ވައިރަސް ބަދަލުވެ (މިއުޓޭޓްވެ) އިންސާނުންނަށް ފަސޭހައިން ޖެހޭގޮތް ވުމަށް މަގުފަހިވާ ކަމެކެވެ.

މިހާތަނަށް އިންސާނުންނަށް ދޫނި ރޯގާ ޖެހިފައިވަނީ، ބަލި ޖެހިފައިވާ ޖަނަވާރުންނާ ސީދާ ގުޅުންހުރި މީހުންނަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން 2003 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިންސާނުންނަށް ދޫނި ރޯގާ ޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 52 އިންސައްތަ މީހުން ވަނީ މަރުވެފައެވެ. މިއީ ކޮވިޑްގެ މަރުގެ ރޭޓާ އަޅާބަލާއިރު ނިސްބަތުން ވަރަށް މަތީ އަދަދެކެވެ.
ނުރައްކާ އޮތް ނަމަވެސް، ޑރ. ރަމެއިކްސް-ވެލްޓީ ދެއްވީ އުންމީދީ މެސެޖެކެވެ. އެއީ ކޮވިޑް-19 އައި އިރާ އަޅާބަލާއިރު ދުނިޔެ މިހާރު އޮތީ ސިއްހީ ގޮތުން މާބޮޑަށް ތައްޔާރުވެފައި ކަމެވެ.
“ކޮވިޑް ފެށުނުއިރު ވެކްސިނެއް، ބޭހެއް އަދި ޓެސްޓުކުރާނެ ގޮތެއް ނެތް. ނަމަވެސް ދޫނި ރޯގާއަށް ޚާއްސަ ވެކްސިން ކެންޑިޑޭޓްތައް މިހާރުވެސް އެބަހުރި. އަދި ބަލި ޖެހުމުން ދޭނެ އެންޓިވައިރަލް ބޭސްތައް ވެސް ވަނީ އުފައްދާފައި،” އޭނާ ވިދާޅުވިއެވެ.
ސިއްހީ މާހިރުން ލަފާކުރައްވާ ގޮތުގައި އިންސާނުންގެ މެދުގައި ބޮޑު ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު މިވަގުތަށް އަދި ކުޑައެވެ. ނަމަވެސް ވައިރަހަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާން ޖެހޭނެކަމަށް ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން ލަފާދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close