ކުޅިވަރު

ޖިރޯނާއާ އެއްވަރުވުމުން ރެއާލަށް ތާވަލުގެ އެއްވަނަ ގެއްލި، ކޯޗު އަލޮންސޯއަށް ޕްރެޝަރު ބޮޑުވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ޖިރޯނާއާ 1-1 އިން ރެއާލް މެޑްރިޑް އެއްވަރުވުމާއެކު، ލީގު ތާވަލުގެ އެއް ވަނަ އަށް އަރަން ލިބުނު ރަން ފުރުސަތު ގެއްލި، އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯއަށް އޮތް ޕްރެޝަރު ވަރަށް ބޮޑުވެއްޖެ އެވެ.

މި ނަތީޖާއާއެކު ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗު ރެއާލުން އެއްވަރުވެފައިވާއިރު، ކުޅުންތެރިންގެ ތެރޭގައި އޮލޮންސޯއާ މެދު އުފެދިފައިވާ ހިތްހަމަނުޖެހުންތަކުގެ ސަބަބުން ކޯޗުގެ މަގާމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖިރޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލީޑު ނެގީ އެ ޓީމުންނެވެ. ދެ ވަނަ ހާފުގައި ރެއާލަށް އެއްވަރުކޮށްދިނީ ޕެނަލްޓީއަކުން ކީލިއަން އެމްބާޕޭ އެވެ. މި އެއްވަރުވުމާއެކު ރެއާލް މިހާރު އޮތީ 33 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގައެވެ. އެއް ވަނައިގައި 34 ޕޮއިންޓާ އެކު އޮތީ ވާދަވެރި ބާސެލޯނާއެވެ.

މި ސީޒަނުގައި ރެއާލާ ހަވާލުވި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަލޮންސޯގެ ކޯޗުކަމުގައި ސީޒަނުގެ ކުރީކޮޅު ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. ނަމަވެސް ފަހަކަށް އައިސް ޓީމުގެ ކުޅުން ދަށްވެ، ނަތީޖާތައް ހޯދުމަށް ދަތިވެފައިވެއެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗު އެއްވަރުކޮށްލުމަކީ ޓީމުގެ ލީގު އުންމީދުތަކަށް ބޮޑު ހީނަރުކަމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލޮންސޯއަށް އެންމެ ބޮޑު މައްސަލައަކީ ޓީމުގެ ބައެއް ކުޅުންތެރިން ކޯޗާ މެދު ހިތްހަމަނުޖެހުމެވެ. ކުރީގެ ކޯޗު ކާލޯ އަންޗެލޮޓީގެ ދައުރުގައި ކުޅުންތެރިންނަށް ލިބުނު މިނިވަންކަން މިހާރު ނެތުމާއި، އަލޮންސޯގެ ތަމްރީނުތައް ބުރަވުމަކީ ކުޅުންތެރިންގެ ހިތްހަމަނުޖެހުމުގެ މައިގަނޑު ސަބަބުތަކެވެ. ހާއްސަކޮށް ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާގެ ހިތްހަމަނުޖެހުން ބޮޑުވެ، މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލޮންސޯ ވަނީ ދާދި ފަހުން މި ވާހަކަތައް ދޮގުކޮށް، ޓީމުގައި އެކުވެރިކަން އޮތް ކަމަށް ބުނެފައެވެ. ނަމަވެސް ރޭގެ މެޗުގައި ބައެއް ސަޕޯޓަރުން ވަނީ ކުރީގެ ކޯޗު އަންޗެލޮޓީ އަނބުރާ ގެންނަން ގޮވާލައިފައެވެ. ކްލަބުގެ އިސްވެރިން ވެސް ތިބީ ނަތީޖާ ރަނގަޅުނުވާ ނަމަ އަލޮންސޯ ވަކިކުރަން ތައްޔާރަށް ކަމަށް ނޫސްތަކުން ބުނެއެވެ. މި ހާލަތުގައި ޓީމު ހަވާލުކުރާނެ ކަމަށް ބެލެވެނީ ދެ ފަހަރެއްގެ މަތިން ރެއާލަށް ކޯޗުކޮށްދީ ކާމިޔާބީތައް ހޯދައިދީފައިވާ ޒައިނުއްދީން ޒިދާންއާ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close