2026 ވަނަ އަހަރު އެޕަލް އައިފޯން ފޯލްޑް ނެރުމުގެ ފުރުސަތު ބޮޑުވެއްޖެ

ސެމްސަންގް ޑިސްޕްލޭގެ ރައީސް ލީ ޗެއޮންގް، އެ ކުންފުނިން ފޯލްޑަބަލް އޯލެޑް ސްމާޓްފޯންތަކަށް ޑިސްޕްލޭ އުފެއްދުން އިތުރުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ހާމަކުރައްވައިފިއެވެ. މި ޑިސްޕްލޭތައް ފޯރުކޮށްދޭނީ “ނޯތު އެމެރިކަން ކްލައިންޓަކަށް” ކަމަށް އޭނާ ވިދާޅުވުމުން، އެއީ އެޕަލް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ޗެއޮންގް، އެ ކްލައިންޓަކީ ކޮން ބައެއްކަން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، ނޯތު އެމެރިކާގެ ކްލައިންޓެއްގެ ގޮތުގައި އެޕަލް ނޫން އެހެން ސްމާޓްފޯން ކުންފުނިތައް ވެސް ހުރި ނަމަވެސް، މިކަމާ ގުޅޭގޮތުން ގިނަ ބަޔަކު ދެކޭ ގޮތުގައި އެއީ އެޕަލްއެވެ.
ޗޮސަން ބިޒް އިން ރިޕޯޓްކޮށް މެކްރޫމަރސް އިން ފާހަގަކޮށްފައިވާ ގޮތުގައި، 8.6 ވަނަ ޖެނެރޭޝަންގެ އޯލެޑް ޑިސްޕްލޭތައް އުފެއްދުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ. އާންމުކޮށް ތިންވަނަ ކުއާޓަރަކީ އެޕަލްގެ ސަޕްލަޔަރުން އެ އަހަރުގެ އައިފޯން ނެރުމަށްޓަކައި އުފެއްދުން އިތުރުކުރާ ދުވަސްވަރެވެ.
މި މުއްދަތަށް ބަލާއިރު، އެޕަލް އިން 2026 ވަނަ އަހަރުގެ ފަހުކޮޅު، އެގޮތުން ސެޕްޓެމްބަރު މަހު، އަދިވެސް ރަސްމީކޮށް އިއުލާންކޮށްފައިނުވާ “އައިފޯން ފޯލްޑް” ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، “އައިފޯން އެއަރ” އަކީ ފޯލްޑަބަލް އައިފޯނެއް ނެރުމުގެ ކުރިން ކުރާ ޓެސްޓެއް ކަމަށް ވެސް ބެލެވެއެވެ.


