ޚަބަރު

ކޮރަޕްޝަން ހުއްޓުވުމަށް މަތީފެންވަރުގެ ކޮންފަރެންސްއަކަށް ނަޝީދު ގޮވާލައްވައިފި

ކޮރަޕްޝަން ހުއްޓުވުމަށާއި މަގާމުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ދައުލަތުގެ ހަޒާނާއިން ވައްކަކުރާ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް މަތީފެންވަރުގެ ކޮންފަރެންސްއަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ މިރޭ ނެރުއްވި ބަޔާނެއްގައެވެ. ރައީސް މުހައްމަދު މުއިއްޒު ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް މިފަހުން ވިދާޅުވެފައި ވަނިކޮށް، ނަޝީދު މިކަމަށް ގޮވާލެއްވީ މިކަންކަމަށް ހައްލެއް ހޯދުމުގެ މަގުފަހިކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ކޮންފަރެންސްއަކީ އެކި ސަރުކާރުތަކުގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލާ ތަހުލީލުކުރުމަށް ބާއްވާ ކޮންފަރެންސްއެއްކަމަށް ނަޝީދު ވިދާޅުވިއެވެ. ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް ދެމެހެއްޓެނިވި ހައްލެއް ގެންނަން ދިގު ރާސްތާގައި ފަށާ ހަރަކާތެއްގެ ގޮތުގައި މި ކޮންފަރެންސްގައި ގާނޫނީ ތަޖުރިބާކާރުންނާއި މުޖުތަމައުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިނަލްއަގުވާމީ އޮބްޒާވަރުން ބައިވެރިވާނެކަމަށް ނަޝީދުގެ ބަޔާނުގައިވެއެވެ. އަދި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމާއި ކުރީގެ އިކޮނަމިކް މިނިސްޓަރު މަހްމޫދު ރާޒީގެ ބައިވެރިވުމާއި އެހީތެރިކަން ލިބޭނެކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުމާ ގުޅޭ ކަމެއް ނޫން ކަމަށާއި، އެ ވައްކަމުގައި ރައްޔިތުންގެ ކިބައިން ފުރުސަތު، އަބުރާއި އިއްޒަތް އަދި އިންސާފު ފޭރިގަނެވޭ ކަމަށެވެ. މި ކޮންފަރެންސްއަކީ ރާއްޖޭގެ މުވައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަކުރުމަށާއި، އިތުބާރު ގެއްލިފައިވާ ފަބްލިކް އޮފިސަރުން ޒިންމާދާރުކުރުވުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ވިސުލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށްވެފައިވާ މީހުންގެ ހެކިބަސް ނަގާނެކަމަށް ވެސް ބަޔާނުގައި ނަޝީދު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close