މާލެއިން ބޭރުގައި ހުޅުވި ފުރަތަމަ ޑީކޯ ޗެމްބަރު ގުރައިދޫގައި ހުޅުވައިފި

މާލެ އިން ބޭރުގައި ސަރުކާރުން ބެހެއްޓި ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރު، ތ. ގުރައިދޫގައި މިއަދު ހުޅުވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ގުރައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ސެނަހިޔާ ހައިޕާބެރިކް ސެންޓަރުމި ޗެމްބަރު ހުޅުވައިދެއްވީ ރައީސް މުއިއްޒުއެވެ. މި ޗެމްބަރު ހުޅުވާފައި ވަނީ އެމްއެންޑީއެފްގެ ހޮސްޕިޓަލް ސެނަހިޔާ ހައިޕާބެރިކް ސެންޓަރުގެ ނަމެވެ.
މި ޑީކޮމްޕްރެޝަން ޗެމްބަރަކީ މަސްވެރިންނާއި ޑައިވްކުރާ މީހުންނަށް، ފުރާނަ ސަލާމަތްކުރުމަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށާއި، މިއީ ޒަމާނީ ފުރިހަމަ އިކުއިޕްމަންޓެއް ކަމަށް ރައީސް ވިދާޅުވިއެވެ. ޖަޕާނު ސަރުކާރުގެ ދީލަތި އެހީގެ ދަށުން ހަދިޔާކޮށްފައިވާ މި ޗެމްބަރު، އޮޕަރޭޓުކުރުމަށް ހަމަޖެހިފައި ވަނީ އެމްއެންޑީއެފްގެ ސެނެހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުންނެވެ. 100 މީޓަރު އަޑިން ޑީކޯ ވިޔަސް، މި ޗެމްބަރުން ފަރުވާ ދެވޭ ފެންވަރު ހުންނާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެހެން ރަށްރަށުގައި ވެސް ޑީކޮމްޕްރެޝަން ޗެމްބަރުތައް ހެދުމުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާނެއެވެ. ކުރިއަށްއޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، އއ. ރަސްދޫއާއި، ތިނަދޫ ސިޓީއާއި، ގއ. ވިލިނގިލި އަދި މާލޭގައި ވެސް މި ޗެމްބަރުތައް ގާއިމުކުރެވޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައިވެއެވެ.


