ކުށް ސާބިތުވެ ޝަހީބު އާއި އޭނާގެ ބައިވެރިން އުމުރަށް ޖަލަށް

ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބު އިބްރާހީމު އާއި އޭނާ އާއި އެކު ރާއްޖެއަށް މަސްތުޥަތަކެތި އެތެރެކުރަން އުޅުނު އެންމެންގެ މައްޗަށް އުމުރަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މީހުންގެ މައްޗަށް މި ހުކުމް އިއްވާފައި ވަނީ ރާއްޖެއަށް 130 ކިލޯގެ ޑްރަގު އެތެރެކުރި މައްސަލަ އެމީހުންގެ މައްޗަށް ސާބިތުވެގެންނެވެ.
ރާއްޖެއަށް މިހާތަނަށް އެތެރެކުރެވުނު އެންމެ ބޮޑެތި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ކަމަށްވާ މި މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް ބަޔަކު ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެކަމަކު، އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލުމުން، ޝަހީބު ފިލައިގެން ވެސް އުޅުނެވެ. ޝަހީބު އަލުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ އަންހެނުން ހައްޔަރުކުރުމުން އަމިއްލައަށް ފުލުސް އޮފީހަށް ގޮސް ހަވާލުވުމުންނެވެ.
ޝަހީބު އިބްރާހިމާއެކު އުމުރަށް ޖަލަށްލުމަށް ހުކުމް ކުރެވުނު މީހުންނަކީ ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ އާއި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި މުހައްމަދު ރިޔާދު ހިމެނެއެވެ.
ޝަހީބަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޑިނޭޓަރެއްގެ މަޤާމު ފުރުއްވާފައިވާ މީހެކެވެ.

