ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ ލުއި ލޯން ސްކީމެއް ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ ލުއި ލޯނު ސްކީމެއް އެމަނިކުފާނު އިއުލާނު ކުރައްވައިފިއެވެ.
މިކަން އެ މަނިކުފާނު ހާމަކުރެއްވީ މިރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއި ލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް މިހާރު ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ.
“މި ލޯން ސްކީމްގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން” ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. މިކަމުގެ ސަބަބުން ދިވެހި ޒުވާނުންނަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މީގެތެރޭގައި، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް މި ސްކީމް ޑިޒައިންކޮށް، ކުރިޔަށް 2 ހަފްތާ ތެރޭގައި ހުޅުވާލަން ދަންނަވާފައިވާނެ ކަމަށެވެ.



