ޤައުމީ ތަރިކަ ދެމެހެއްޓުމަކީ ޤައުމީ ވާޖިބެއްކަމަށް ރައީސް ވިދާޅުވެއްޖެ

ޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމުގެ ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ތަރިކައިގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެތި އަދި، ދިވެހިންގެ މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތަކެވެ. މި ހުރިހާ ތަކެއްޗާއި ކަންކަން އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޤްސަދުގައި ދިވެހިންގެ ނަސްލާއި އަސްލާއި ތާރީޚާ ގުޅުންހުރި ކަންކަން ދިރާސާކުރުމަށްޓަކައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއްވެސް ރައީސް ވަނީ އުފައްދަވާފައެވެ. މީގެއިތުރުން، ސަރުކާރުން ވަނީ ތަރިކައިގެ ދާއިރާއިން ކިޔެވުމަށް ފުރުޞަތުތައް ހުޅުވާލާފައެވެ.

