ބޭރުދުނިޔެ

ސިޑްނީގައި ރާޅާ އަޅަން މޫދަށް އެރުނު މީހަކަށް މިޔަރެއް ހަމަލާދީ މަރާލައިފި

އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ލޯންގް ރީފް ބީޗް ކައިރިން މޫދަށް އެރުނު މީހަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން މަރުވެއްޖެ ކަމަށް ނިއު ސައުތު ވޭލްސް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 6 ވީ ހޮނިހިރު ދުވަހުގެ ހެނދުނުގު 10:00 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ސިޑްނީގެ ގިނަ ބީޗުތަކެއް ވަނީ ބަންދުކޮށްފައެވެ.

ފުލުހުންގެ ބަޔާނެއްގައިވާ ގޮތުން، މިޔަރުގެ ހަމަލާގައި ސީރިއަސް އަނިޔާވި މީހާ މޫދުން ނަގައި ގޮނޑުދޮށަށް ގެނެވުނު ނަމަވެސް، ހާދިސާ ހިނގި ތަނަށް ސަލާމަތީ ފަރާތްތައް އާދެވުނު އިރުވެސް އޭނާވަނީ މަރުވެފައެވެ. މަރުވި މީހާގެ ވަނަވަރު އަދި ހާމަކޮށްފައި ނުވާއިރު، ފުލުހުން ދަނީ އާއިލާއަށް އެންގުމުގެ މަސައްކަތް ކުރަމުންނެވެ.

ހަމަލާ ދިން މިޔަރުގެ ބާވަތް ދެނެގަތުމަށްޓަކައި މާހިރުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ހާދިސާ ހިނގި ސަރަހައްދުން ހަމަލާ ދިން މީހާގެ ސާފްބޯޑުގެ ދެ ބައި ފެނިފައިވާ ކަމަށާއި، އެ ތަކެތި މިހާރު ވަނީ އިތުރަށް ބެލުމަށް ނަގާފައި ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ލޯންގް ރީފް ބީޗް ވަނީ ވަގުތުން ބަންދުކޮށްފައެވެ. މީގެ އިތުރުން މެންލީ އާއި ނަރަބީން އާ ދެމެދުގައިވާ ބީޗްތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށް، ރާޅާއެޅުންތެރިންނާއި މޫދަށް އެރި އުޅޭ ފަރާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ބީޗްތައް ބަންދުކޮށްފައިވަނީ މިޔަރު ދެނެގަނެ، އެ ސަރަހައްދު ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރު ކުރެވެންދެންނެވެ.

މިއީ ސިޑްނީގެ މޫދުގައި މިޔަރެއްގެ ހަމަލާއެއްގައި މީހަކު މަރުވި ވަރަށް މަދުން ނޫނީ ނުހިނގާ ހާދިސާއެކެވެ. އޮސްޓްރޭލިއާގައި މިޔަރުގެ ހަމަލާތައް ކުރިމަތިވުން އާންމު ނަމަވެސް، މޫދަށް އެރި އުޅޭ މީހުން މަރުވާ ހާދިސާތައް މަދެވެ. ނިއު ސައުތު ވޭލްސްގައި 2021 ވަނަ އަހަރު މިޔަރުގެ ހަމަލާއެއްގައި މީހަކު މަރުވެފައިވާއިރު، އެއީ 1951 ވަނަ އަހަރުން ފެށިގެން އެ ސްޓޭޓްގައި ހިނގި އެފަދަ 13 ވަނަ މަރުގެ ހާދިސާއެވެ.

ސިޑްނީގެ ލޯންގް ރީފް ބީޗަކީ ސާފުތާހިރުކަމަށް މަޝްހޫރު ތަނެކެވެ. އަދި މި ބީޗަކީ ފަތުރުވެރިންނާއި އާއްމު މީހުންގެ މެދުގައި ވެސް މަގުބޫލު ތަނެކެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަމެއް އުފެދިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަލާމަތީ ފަރާތްތަކުން ދަނީ ބީޗް ސަރަހައްދުގެ މޫދު ބަލައި، މިޔަރުތައް ފެނޭތޯ ހޯދަމުންނެވެ. މިޔަރުތައް ދެނެގަތުމަށްޓަކައި ޑްރޯނާއި ލޯންޗު ބޭނުންކޮށްގެން ހަރަކާތްތެރިވަމުން ދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close