މެދުއިރުމަތީގެ 16،000 އަށް ވުރެ ގިނަ ވޮލަންޓިއަރުން އަސްކަރީ މަސައްކަތުގައި ބައިވެރިވުމަށް އެދިފައިވޭ: ކްރެމްލިން
މެދުއިރުމަތީގެ 16،000 އަށް ވުރެ ގިނަ ވޮލަންޓިއަރުން އަސްކަރީ މަސައްކަތުގައި ރަޝިއާ އާއި އެކު ބައިވެރިވުމަށް އެދިފައިވާކަމަށް ކްރެމްލިންބުނެފިއެވެ.
ކްރެމްލިން އިން ހުކުރު ދުވަހު ބުނީ ސޫރިޔާ އާއި މެދުއިރުމަތީގެ ހަނގުރާމަވެރިންނަށް ޔޫކްރެއިންގައި ރަޝިޔާއާ އެއްކޮޅަށް ހަނގުރާމަ ކުރުމުގެ ހުއްދަ ދޭނީ އެގައުމުގައި ހަނގުރާމަ ކުރުމަށް ވޮލަންޓިއަރުން ފޮނުވުމުގެ ޕްލޭނަށް ރައީސް ވްލަޑިމިއާ ޕޫޓިން ތާއީދު ކުރެއްވުމުން ކަމަށެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ” (ހަނގުރާމަކުރުމަށް) ބޭނުންވާ އެދުނު ގިނަ މީހުންނަކީ މެދުއިރުމަތީގެ ގައުމުތަކާއި އަދި ސޫރިޔާގެ ރައްޔިތުން” ކަމަށެވެ.
ރަޝިޔާއަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ މުހިންމު ބައިވެރިއެކެވެ.
ޕެސްކޯވް ވިދާޅުވީ، ޔޫކްރެއިންގައި ތިބި ކިއެވްގެ އަސްކަރިއްޔާއާއެކު ހަނގުރާމަ ކުރުމަށް ކުލީ ސިފައިން ފޮނުވުމަށް އެމެރިކާއިން އަޅާ ފިޔަވަޅުތަކަށް ތާއީދު ކުރާ ކަމަށް ބުނެ، ވޮލަންޓިއާ ހަނގުރާމަވެރިން ޔޫކްރެއިންއަށް ފޮނުވުމަށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫންކަމަށެވެ.
ރަޝިޔާއިން ޔޫކްރެއިންގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.
“ކުލީ ސިފައިން އައުމާ މެދު ހުޅަނގުން މިހާ ބޮޑު ތާއީދެއް ކުރާ ނަމަ، ބައިވެރިވާން ބޭނުންވާ ވޮލަންޓިއަރުން ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި،” ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެސްކޯވް ވިދާޅުވި އެވެ.
ޔޫކްރެއިންގައި ހަނގުރާމަ ކުރުމަށް ވޮލަންޓިއަރުންނަށް ފުރުސަތު ދިނުމަށް ޕޫޓިން ރާއްވަވާފައިވާ ރޭވުންތަކަށް ތާއީދު ކުރައްވައި، ދިފާއީ ވަޒީރު ސަރްގެއި ޝޮއިގު ވިދާޅުވީ، މެދުއިރުމަތީގެ 16،000 އަށް ވުރެ ގިނަ ވޮލަންޓިއަރުން އަސްކަރީ މަސައްކަތުގައި ބައިވެރިވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
