ބޭރުދުނިޔެ

ޕޫޓިން ޔުކްރެއިނަށް އަރައިފިނަމަ މޮސްކޯއަށް ބޮން އަޅާނެ ކަމަށް ބުނެ އިންޒާރު ދިނިން: ޓްރަމްޕް

ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕޫޓިން ޔުކްރެއިނަށް އަރައިގަތުމުގެ ކުރިން، އެކަން ހުއްޓުވުމުގެ ގޮތުން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދެއްވި ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މި ވާހަކަ ޓްރަމްޕް ދެއްކެވީ، އޭނާގެ 2024 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ފަންޑު ހޯދުމަށް އަމިއްލަ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ކަމަށް ސީއެންއެންއަށް ލިބިފައިވާ އޯޑިއޯއަކުން ހާމަވެއެވެ.

“އަހަރެން ޕޫޓިން ގާތު ބުނިން، ‘ތިބާ ޔުކްރެއިނަށް އަރައިގަތިއްޔާ، އަހަރެން މޮސްކޯއަށް ބޮން އަޅާނަން. އަހަންނަށް އެނޫން ގޮތެއް ނެތޭ ބުނިން،'” ޓްރަމްޕް ވިދާޅުވި ކަމަށް އޯޑިއޯގައިވެއެވެ.

މިފަދަ އިންޒާރެއް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ވެސް، ޓައިވާނަށް އަރައިފިނަމަ އެމެރިކާއިން ބެއިޖިންއަށް ބޮން އަޅާނެ ކަމަށް ބުނެ ދެއްވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. “އޭނާއަށް (ޝީ ޖިންޕިންއަށް) ހީވީ އަހަންނަކީ މޮޔައެއް ކަމަށް، އެކަމަކު އަހަރެމެންނަށް ދުވަހަކުވެސް މައްސަލައެއް ކުރިމައްޗެއް ނުވި” ޓްރަމޕް އިތުރަށް ފާހަގަކުރެއްވިއެވެ.

މި އޯޑިއޯ ޓޭޕްތައް ނަގާފައިވަނީ ނިއުޔޯކާއި ފްލޮރިޑާގައި ބޭއްވި ފަންޑު ހޯދުމުގެ ބައްދަލުވުންތަކެއްގައެވެ. އަދި މި އޯޑިއޯތައް ހޯދާފައިވަނީ ނޫސްވެރިން ކަމަށްވާ ޖޯޝް ޑޯސީ، ޓައިލަރ ޕޭޖަރ އަދި އައިޒެކް އާންސްޑޯފް، އެމީހުންގެ އައު ފޮތް “2024” އަށް މައުލޫމާތު އެއްކުރުމުގެ ތެރޭގައެވެ. މި އޯޑިއޯތައް މީގެ ކުރިން އާންމުކޮށްފައެއް ނުވެއެވެ. ޓްރަމްޕްގެ ކެމްޕޭނުން މި ވާހަކަތަކާ ގުޅޭގޮތުން އެއްވެސትް ބަޔާނެއް ދޭން ވަނީ ދެކޮޅު ހަދާފައެވެ.

އޯޑިއޯތަކުން ހާމަވާ ގޮތުގައި، މި ބައްދަލުވުންތަކުގައި ޓްރަމްޕް ވަނީ މުއްސަނދި ފަންޑު ދޭ ފަރާތްތަކުގެ ތާއީދު ހޯދުމަށް އޭނާގެ ހަރުކަށި ޚާރިޖީ ސިޔާސަތުގެ އިތުރުން އެހެން ކަންކަމާ ގުޅޭގޮތުން ވެސް ހާމަކަމާއެކު ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި:
ފަލަސްތީނަށް ތާއީދުކޮށް ކޮލެޖް ކެމްޕަސްތަކުގައި މުޒާހަރާ ކުރާ ކޮންމެ ދަރިވަރަކު ގައުމުން ބޭރުކޮށްލާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. “އަހަރެން ކުރާނެ އެއް ކަމަކީ މުޒާހަރާކުރާ ކޮންމެ ދަރިވަރަކު ގައުމުން ބޭރުކޮށްލުން… އަހަރެން އިންތިޚާބުވެއްޖެނަމަ، އެ ހަރަކާތް 25 ނުވަތަ 30 އަހަރު ފަހަތަށް ޖައްސާލާނަން،” ޓްރަމްޕް ވިދާޅުވިއެވެ.

“ވެލްފެއަރ (ސަލާމަތީ ފައިސާ) ލިބޭ މީހުން” އަބަދުވެސް ވޯޓު ދޭނީ ޑިމޮކްރެޓުންނަށް ކަމަށާއި، އެހެންކަމުން ރިޕަބްލިކަން ޕާޓީ އޮތީ ނާކާމިޔާބު ހާލަތެއްގައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އޭނާގެ “ޔަހޫދީ ރައްޓެހިން” ރިޕަބްލިކަނުންނަށް ވޯޓު ދޭން ފަށަންޖެހޭ ކަމަށް ގޮވާލެއްވިއެވެ.

އޭނާއާއެކު މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވުމަށް 1 މިލިއަން ޑޮލަރު ހަދިޔާކުރަން ހުށަހެޅި މުއްސަންޖަކު ލައްވާ 25 މިލިއަން ޑޮލަރު ހޯއްދެވި ކަމަށް ޓްރަމްޕް ފަޚުރުވެރިކަމާއެކު ވިދާޅުވިއެވެ. “އޭނާ އެކަން ކުރި، އޭނާ އަހަންނަށް 25 މިލިއަން ޑޮލަރު ދިން. މިއީ ހަމަ ގަބޫލުކުރަން ދަތި ކަމެއް،” ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި، އޭނާ ރައީސްކަމުގައި ހުންނެވިނަމަ ޔުކްރެއިން އަދި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓުވުނީސް ކަމަށެވެ. އެއީ އޭނާގެ ހަރުކަށި އަދި ސީދާ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރު (2017-2021) ފާހަގަވެގެން ދިޔައީ އޭނާގެ ޚާއްޞަ އަދި ގިނަފަހަރު އާދަޔާޚިލާފު ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުންނެވެ. އޭނާ ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕޫޓިން ފަދަ ދުނިޔޭގެ ބާރުގަދަ ލީޑަރުންނާ ސީދާ، އަދި ބައެއް ފަހަރު ހޫނު ބަހުސްތަކެއް ކުރައްވާފައެވެ.

ޓްރަމްޕްގެ މި ވާހަކަތައް މި ދައްކަވަނީ، ރަޝިޔާއިން ޔުކްރެއިނަށް ފުރިހަމައަށް އަރައިގަތީ އޭނާ ވެރިކަމުން ވަކިވެވަޑައިގަތް ފަހުން، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް ވެފައި ވަނިކޮށެވެ. 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުން، ޓްރަމްޕް ވަނީ އޭނާއަކީ “ވަރުގަދަ ލީޑަރެއް” ކަމަށް ދައްކަވައި، ރައީސް ޖޯ ބައިޑަންގެ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގައި ހަމަނުޖެހުން އިތުރުވެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

މިފަދަ އަމިއްލަ ބައްދަލުވުންތަކުގައި ދައްކަވާ ވާހަކަތަކަކީ، އޭނާގެ ސިޔާސީ ކެރިއަރ ވަރުގަދަކޮށް، ވޯޓަރުންގެ ތާއީދު ހޯއްދެވުމަށް ބޭނުންކުރައްވާ އުކުޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close