ބޭރުދުނިޔެ

އިކުއެޓޯރިއަލް ގިނީގެ ރައީސަށް “ޖިންނި” އޭ ގޮވި ޕާސްޓަރ ޖަލުން ދޫކޮށްލައިފި

އިކުއެޓޯރިއަލް ގިނީގެ ރައީސަށް މުޚާޠަބުކޮށް “ޖިންނި”އޭ ގޮވި އެގައުމުގެ ކުރީގެ އަދުލު އިންސާފުގެ ކަންކަމާބެހޭ ވަޒީރުކަން ކުރައްވާފައިވާ ޕާސްޓަރ ރުބެން މާޔޭންސުއޭ މަންގުއޭ ދެ އަހަރު ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ޖަލުން ދޫކޮށްލައިފިއެވެ.

މަންގުއޭ ހައްޔަރުކުރެވުނީ 2022 ވަނަ އަހަރު އޯޑިއޯ ރެކޯޑިންގއެއްގައި އިކުއެޓޯރިއަލް ގިނީގެ ރައީސް ޓިއޯޑޯރޯ އޮބިއާންގ ގުއެމާއަށް “ޖިންނި” އޭ ގޮވުމުންނެވެ.

82 އަހަރުގެ ރައީސް އޮބިއާންގަކީ އެފްރިކާގެ އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރައްވާފައިވާ ރައީސެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވީ 1979 ވަނަ އަހަރުން ފެށިގެންނެވެ. މަންގުއޭ މިނިވަންކޮށްދެއްވީ ފަހުން ނެރުއްވި މަޢާފުގެ ޤަރާރަކުން ރައީސް އޮބިއާންގއެވެ. އެ ޤަރާރުގެ ދަށުން މަންގުއޭގެ އިތުރުން އިތުރު 19 މީހުން މިނިވަންކޮށްދެއްވިއެވެ.

މަންގުއޭ ބަންދުގައި ހުރި މުއްދަތުގައި ޤާނޫނީ ވަކީލުން ބައްދަލުކުރުމުގެ ފުރުސަތު ނުދީ، އަދި ޝަރީޢަތަށް ހާޒިރުނުކޮށް ބެހެއްޓިކަމަށް ބުނެފައިވެއެވެ. އޭނާ މި މުއްދަތު ސިފަކޮށްފައިވަނީ “ޕްރިވެންޓިވް ޑިޓެންޝަން” އެއްގެ ގޮތުގައެވެ.

މަންގުއޭ ވަނީ 1998 އިން 2004 އަށް އަދުލު އިންސާފުގެ ވަޒީރުކަން ކުރައްވާފައެވެ. އަދި އެމެރިކާގެ ސަފީރުކަން ފަދަ ޑިޕްލޮމެޓިކް މަޤާމުތަކެއްވެސް ފުރުއްވާފައިވެއެވެ.

އެފްރިކާގެ މެދުތެރޭގައި އޮންނަ އިކުއެޓޯރިއަލް ގިނީއަކީ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ނޫސްވެރިކަމުގެ މިނިވަންކަން މަދު ޤައުމެއްގެ ގޮތުގައި ބެލެވެއެވެ.

ރައީސް އޮބިއާންގ ވަނީ 2022 ގައި ބޭއްވުނު އިންތިޚާބުން 95 އިންސައްތަ ވޯޓު ހޯއްދަވައިގެން ހަވަނަ ދައުރަށް ހޮވިވަޑައިގެންފައެވެ.
މަޢާފުގެ ޤަރާރުގައި ބަޔާންކޮށްފައިވަނީ މިނިވަންކޮށްދެވުނު މީހުން “ތައުބާވެގެންވާ ރައްޔިތުންގެ ގޮތުގައި ޢިއްޒަތްތެރިކަމާއެކު އުޅޭނެކަމުގެ” އުންމީދު ކުރައްވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close