ޚަބަރު

ކުރީގެ މެންބަރުންގެ އިންޝުއަރެންސް: ދައުލަތުގެ ޖީބުން 10 އަހަރުން 18.9 މިލިއަން!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ ސިއްހީ އިންޝުއަރެންސަށްޓަކައި، ދައުލަތުގެ ޖީބުން ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި 18.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ. މިއީ ރައްޔިތުންގެ ފައިސާއިން ކުރީގެ މެންބަރުންގެ ބޭސްފަރުވާއަށް ކުރެވޭ ބޮޑު ޚަރަދެއްކަން މި ތަފާސްހިސާބުތަކުން ދައްކައެވެ.

މި މައުލޫމާތު އާންމުވެފައިވަނީ، ޖުބްރާން ޝަރީފް ކިޔާ ބޭފުޅަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކުރެއްވި ސުވާލަކަށް މަޖިލީހުގެ އިދާރާއިން ދެއްވި ޖަވާބަކުންނެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ކަށަވަރު ކުރެވުނު ޚަރަދަކީ 18,907,000 ރުފިޔާއެވެ. މަޖިލީހުން ވަކިވެވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ސިއްހީ އިންޝުއަރެންސްގެ ގޮތުގައި މަހަކު 24,000 ރުފިޔާ ދައުލަތުން ދެމުން އާދެއެވެ.

ލިބުނު ތަފްސީލުތަކަށް ބަލާއިރު، ކުރީގެ މެންބަރުންގެ އިންޝުއަރެންސަށް ކުރާ ޚަރަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. މިކަމުގެ މައިގަނޑު ސަބަބަކީ، ކޮންމެ ދައުރެއް ނިމުމުން އިންޝުއަރެންސްގެ އިނާޔަތް ލިބޭ ކުރީގެ މެންބަރުންގެ އަދަދު އިތުރުވެގެން ދިއުމެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މި ބޭނުމަށް ޚަރަދުކޮށްފައިވާ ގޮތުގެ ތަފްސީލް:

  • 2014: 562,500ރ
  • 2015: 562,500ރ
  • 2016: 565,000ރ
  • 2017: 1,056,000ރ
  • 2018: 1,056,000ރ
  • 2019: 2,328,000ރ
  • 2020: 2,328,000ރ
  • 2021: 2,280,000ރ
  • 2022: 2,280,000ރ
  • 2023 – މެއި 2024: 2,280,000ރ
  • 2014 – މެއި 2025: 3,624,000ރ

މި ޚަރަދުތައް ކުރިއަށް އޮތްތަނުގައި އިތުރަށް ބޮޑުވެގެން ދާނެކަމަށް ބެލެވެއެވެ. އެއީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް 93 މެންބަރުން ހިމެނިވަޑައިގަންނަވާތީއެވެ. މި ދައުރު ނިމުމުން، މި ބޭފުޅުންގެ ތެރެއިން އަލުން އިންތިޚާބު ނުވާ ބޭފުޅުންނަށް ވެސް މި އިނާޔަތް ލިބިވަޑައިގަންނަވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close