ބޭރުދުނިޔެ

އެއްބަސްވުމަކަށް ޕޫޓިން ތައްޔާރު، ޒެލެންސްކީ ބައިވެރިކުރަން ބޭނުންވޭ: ޓްރަމްޕް

ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕޫޓިން ޔޫކްރެއިނުގައި ކުރައްވަމުން ގެންދަވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތައްޔާރަށް ހުންނެވި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ދެ ބޭފުޅުންގެ މެދުގައި އެލަސްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ކުރިން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމަކަށް އައުމަށްޓަކައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ހިމެނޭ ދެވަނަ ބައްދަލުވުމެއް ބާއްވަން ޖެހިދާނެ ކަމަށެވެ.

އެމެރިކާ އާއި ރަޝިޔާގެ މެދުގައި ވެވޭ އެއްވެސް އެއްބަސްވުމކުން، ޔޫކްރެއިނަށް ނުރައްކާވާ ގޮތްވިޔަ ނުދިނުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އާއި އޭނާގެ ޔޫރަޕުގެ ބައިވެރިން ދަނީ މި ހަފްތާގައި މަސައްކަތްތައް ކުރަމުންނެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ “އޭނާ ގަބޫލުކުރާ ގޮތުގައި ރައީސް ޕޫޓިން ، އަދި ރައީސް ޒެލެންސްކީ ވެސް ސުލްހަ ގާއިމު ކުރައްވާނެ،” ކަމަށެވެ. އަދި “އެބޭފުޅުން އެކުގައި މަސައްކަތް ކުރައްވާތަން ފެންނާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މި ބައްދަލުވުމުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ ވާހަކަތައް ޓްރަމްޕް މާ ބޮޑަކަށް ފާހަގައެއް ނުކުރައްވައެވެ. އަދި އިތުރު ލީޑަރުން ހިމެނޭ ދެވަނަ ބައްދަލުވުމެއް ބޭއްވުމުގެ އުންމީދު އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

“އަޅުގަނޑު ހިތުން މިއީ ރަނގަޅު ބައްދަލުވުމަކަށް ވާނެ، އެކަމަކު މުހިންމު ބައްދަލުވުމަކަށް ވާނީ އަޅުގަނޑުމެން ބާއްވާ ދެވަނަ ބައްދަލުވުން. އަޅުގަނޑުމެން ބައްދަލުވުމެއް ބާއްވާނަން ރައީސް ޕޫޓިން، ރައީސް ޒެލެންސްކީ، އަދި އަޅުގަނޑާއެކު. އަދި ބައެއް ޔޫރަޕުގެ ލީޑަރުން ވެސް ބައިވެރިކޮށްފާނަން. އެކަން އަދި ނޭނގެ.” ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ މި ބައްދަލުވުން ޗެސް ގޭމަކާ އެއްހަމަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ބައްދަލުވުމަކީ ދެވަނަ ބައްދަލުވުމަކަށް މަގުފަހިކުރާނެ ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް މި ބައްދަލުވުން ނާކާމިޔާބު ވުމުގެ، 25 އިންސައްތަ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވިދާޅުވި ގޮތުގައި، ޔޫކްރެއިނަށް ދޭން ހަމަޖެހިފައިވާ ސަލާމަތީ ޔަގީންކަމުގެ ތެރޭގައި ނޭޓޯ ހިމެނިގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެމެރިކާއާއި އެހެނިހެން މެމްބަރު ގައުމުތައް އޭގައި ބައިވެރިވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިއީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުން އެމެރިކާއާއި ރަޝިއާއާ ދެމެދު ބޭއްވޭ ފުރަތަމަ ސަމިޓެވެ. މި ބައްދަލުވުން މި ބާއްވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތުމަށްފަހު، އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި، މިލިއަނުން މީހުންގެ ގެދޮރު ގެއްލިފައިވާ ދަނޑިވަޅެއްގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close