ބޭރުދުނިޔެ

ޝަރުތުތަކަކާއެކު ރަހީނުންނަށް އެހީ ދޭން ހަމާސުން ތައްޔާރު

ހިކި އަނަރޫފަވެފައިވާ ރަހީނެއްގެ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އިސްރާއީލުން ވަކި ޝަރުތުތަކެއް ގަބޫލުކޮށްފިނަމަ، ރެޑް ކްރޮސްއާ ގުޅިގެން ޣައްޒާގައިވާ ރަހީނުންނަށް އެހީ ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ހަމާސުން އާދީއްތަ ދުވަހު ބުނެފިއެވެ.

ހަމާސުން ބުނީ، ރެޑް ކްރޮސްއާ އެއްވެސް ގުޅުމެއް ބޭއްވޭނީ، އިސްރާއީލުން އިންސާނީ އެހީގެ ކޮރިޑޯތައް ދާއިމީކޮށް ހުޅުވާލައި، އެހީ ބެހުމުގެ ވަގުތުތަކުގައި ވައިގެ ހަމަލާތައް މެދުކަނޑާލައިފިނަމަ ކަމަށެވެ.

އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި، މިހާރު ޣައްޒާގައި ރަހީނުކޮށްފައިވަނީ 50 މީހުންނެވެ. އޭގެ ތެރެއިން ދުނިޔޭގައި ތިބި ކަމަށް ގަބޫލުކުރެވެނީ އެންމެ 20 މީހުންނެވެ. މިހާތަނަށް ހަމާސުން ވަނީ އިންސާނީ އެހީ ދޭ ޖަމިއްޔާތަކަށް ރަހީނުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީފައެވެ. އަދި ރަހީނުންގެ ހާލަތާ ބެހޭ އެއްވެސް މައުލޫމާތެއް އެމީހުންގެ އާއިލާތަކަށް ލިބިފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ހަމާސުން ވަނީ އިސްރާއީލުގެ ރަހީނެއް ކަމަށްވާ އީވްޔަތާ ދާވިދުގެ ދެވަނަ ވީޑިއޯއެއް އާންމުކޮށްފައެވެ. ހިކި އަނަރޫފަވެފައިވާ ދާވިދު، އެ ވީޑިއޯގައި ފެންނަނީ ވަޅެއް ކޮންނަ ތަނެވެ. އަދި އެއީ އޭނާގެ އަމިއްލަ މަހާނައަށް ކޮންނަ ވަޅެއް ކަމަށް އޭނާ ބުނެއެވެ. ވީޑިއޯ ކުރަމުންދިޔަ މީހާގެ އަތް ކެމެރާ ފްރޭމުން ފެންނައިރު، އެއީ އާދައިގެ ފަލަ މިނެއްގެ އަތެކެވެ.
މި ވީޑިއޯއާ ގުޅިގެން ފްރާންސް، ޖަރމަން، އިނގިރޭސިވިލާތް އަދި އެމެރިކާ ފަދަ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށް، ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ޣައްޒާގައިވާ ރަހީނުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އަންގާރަ ދުވަހުގެ ހެނދުނު އދ. ގެ ސަލާމަތީ මަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު ބުނީ، އައިސީއާރުސީގެ ވަފުދުގެ އިސްވެރިޔާއާ ވާހަކަ ދައްކައިގެން، ރަހީނުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

ރަހީނުންގެ އާއިލާތައް ތަމްސީލުކުރާ “ދަ ހޮސްޓޭޖަސް ފެމިލީޒް ފޯރަމް” އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “660 އަށް ވުރެ ގިނަ ދުވަސް ވަންދެން މައުސޫމް މީހުން ނުތަވަސް ހާލަތެއްގައި” ހަމާސުން ބަންދުކޮށްފައިވާކަން އެ ޖަމާއަތުގެ ބަސްތަކުން ފޮރުވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެމީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.

“އެމީހުން ދޫކޮށްލެވެންދެން، އެމީހުންނަށް ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދިނުމަކީ ހަމާސުގެ ޒިންމާއެއް. އެމީހުން ރަހީނުކުރީ ހަމާސުން، އެހެންކަމުން އެމީހުންނަށް އަޅާލަން ޖެހޭނީވެސް އެމީހުން. މަރުވާ ކޮންމެ ރަހީނެއްގެ ޒިންމާ ނަގަން ޖެހޭނީ ހަމާސުން،” ބަޔާނުގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close